ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ޓްވިޓާ ބައްލަވައިގަތުމާ އެކީ މުވައްޒަފުންނަށް ޖެހިފައި މިހާރު އޮތީ ފާޑެއްގެ "މުސީބާތެކެވެ." އޭނާ ވަނީ ހަރަދު ކުޑަކުރަން ކަމަށް ވިދާޅުވެ ކުންފުނީގެ މުވައްޒަަފުންގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކުރަން ވެސް ނިންމައިިފަ އެވެ. މި ކަންބޮޑުވުންތަކުގެ ތެރޭގައި މުވައްޒަފުން ތިއްބައި މަސްކް ގެންދަވަނީ އެ މީހުންގެ ރިހޭ ފައިމައްޗަށް އިތުރު ފޮއިވައްޓަމުންނެވެ.
އެގޮތުން މުވައްޒަފުންނަށް މިދިޔަ ހަފުތާގައި ދެއްވި "އިންޒާރަކީ" ކުރިން މަސައްކަތްކުރަމުން އައި ވަގުތަށް ވުރެ ގިނަ ވަގުތު މަސައްކަތްކުރުމަށެވެ. އެކަމާ ނުރުހޭ މުވައްޒަފުން ތިބި ނަމަ ކުންފުނި ދޫކޮށް ދިއުމަށެވެ. މިއާ އެކީ އަނެއްކާ ވެސް މަސްކް ވަނީ މުވައްޒަފުންނަށް އިތުރު ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފަ އެވެ.
ވަކި ސަބަބެއް ހާމަކުރުމެއް ނެތި މިހާރު ވަނީ އެކި ހިސާބުތަކުގައި ހުރި ކުންފުނީގެ އޮފީސްތަކުގައި ވަގުތީ ގޮތުން "ބޮޑުތަޅު" އަޅުވައިފަ އެވެ. އަންގާފައި ވަނީ އޮފީސްތައް އަލުން ދެން ހުޅުވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.

މިކަން އަންގައި އީލޮން މުވައްޒަފުންނަށް ފޮނުއްވި ކުރު މެސެޖެއްގައި ވިދާޅުވެފައި އޮތީ މިހާރުން މިހާރަށް ވަގުތީ ގޮތުން އޮފީސްތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އޭގައި އަދި ވަނީ ސޯޝަލް މީޑިއާ އާއި އެހެން ވެސް މީޑިއާއެއްގައި ކުންފުންޏާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް މުވައްޒަފުންނަށް "އިންޒާރު ދެއްވައިފަ" އެވެ.
މިދިޔަ މަހުގެ ފަހުކޮޅު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތުމަށް ފަހު އީލޮން ގެންދަވަނީ މުވައްޒަފުންނާއި ޓްވިޓާ ބޭނުންކުރާ އެތައް ބަޔަކު "ރުޅި އަރުވަމުންނެ" ވެ. މިކަމާ ހެދި ކުންފުނި ދޫކޮށްދާ މުވައްޒަފުން ވެސް އިތުރުވަމުންދާ އިރު، ޓްވިޓާ ދޫކޮށްލާ މީހުން ވެސް ދަނީ ގިނަވަމުންނެވެ.