އަންނަ އާދީއްތަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގެ ސްޓޭޑިއަމްތަކުގެ ހުރިހާ ސަރަހައްދުތަކުން ބަނގުރާ ވިއްކުން މަނާކުރަން ނިންމައިފި އެވެ.
ގަތަރުން މީގެކުރިން ނިންމާފައި އޮތީ ސްޓޭޑިއަމްތަކުގެ ވަކި ހާއްސަ ސަރަހައްދުތަކެއްގައި ބަނގުރާ ވިއްކޭނެ އިންތިޒާމުތަކެއް ހަމަޖަައްސާފަ އެވެ. ނަމަވެސް މުބާރާތް ފެށެން ވަގުތު ކުޑަތަންވެފައިވަނިކޮށް އެ ނިންމުން ބަދަލުކުރަން ގަތަރުން މިހާރު ނިންމާފައިވާ ކަމަށް ވޯލްޑް ކަޕްގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ސްޓޭޑިއަމްތަކުން ބަނގުރާ ނުވިއްކި ނަމަވެސް ފޭން ޒޯނުތަކާއި ހޮޓެލްތަކުން ބަނގުރާ ވިއްކަން ދޫކޮށްފައި އޮތް ހުއްދައަށް ގަތަރުން ބަދަލެއް ގެނެސްފައި ނުވާ ކަމަށް އޮފިޝަލުން ހާމަކުރެ އެވެ. އަދި ބަނގުރަލުގެ ބަދަލުގައި ސްޓޭޑިއަމްތަކުން ރާ ނުހިމެނޭ އެކި ބުއިންތައް ލިބޭނެ ކަމަށްވެސް ހާމަކޮށްފައިވެ އެވެ.
ގަތަރުގެ އާންމު ތަންތަނުގައި ބަނގުރާ ވިއްކުމަކީ މަނާ ކަމެއް ކަމަށްވާއިރު ބަނގުރާ ވިއްކުމުގެ ހުއްދަ ދޫކޮށްފައިވަނީ ވަކި ހާއްސަ ހޮޓެލްތަކާއި ރެސްޓޯރެންޓްތަކަށެވެ.
ވޯލްޑް ކަޕަށް ގަތަރަށް 1.2 މިލިއަން މީހުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.