Last Updated: July 28, 10:12
Tuesday, July 28, 2026
މުނިފޫހިފިލުވުން

"ގޯވިންދާ ނާމް މޭރާ" ޑިސެމްބަރު 16 ގައި

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ބެލުންތެރިންނަށް މި އަހަރު ދޫކޮށްލާ ފަސް ވަނަ ފިލްމު "ގޯވިންދާ ނާމް މޭރާ" ޕްރީމިއާކުރާ ތާރީހަކަށް އަންނަ މަހުގެ 16 ހަމަޖައްސައިފި އެވެ.

ސިނަމާތަކުގައި އެޅުވުމުގެ ބަދަލުގައި މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. "ގޯވިންދާ ނާމް މޭރާ" އަކީ ޝިޝާންކް ކައިތާން ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މި ފިލްމަކީ އެންމެ ފުރަތަމަ ވަރުން ދަވަނާ އެކީ 2019 ގައި "މިސްޓަ ލޭލޭ" ގެ ނަމުގައި އިއުލާންކުރި ފިލްމެވެ. ނަމަވެސް ބައެއް ސަބަބުތަކާ ހެދި ފިލްމުގެ ނަމާއި ކާސްޓް ބަދަލުކޮށްގެން ފިލްމު ހަދަން ޖެހުނީ އެވެ. ޝިޝާންކް ކުރިން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ދަޅަކް" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" އާއި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" ހިމެނެ އެވެ.

"ގޯވިންދާ ނާމް މޭރާ" ގެ ކާސްޓްގައި ހިމެނެނީ ވިކީ ކޯޝަލާއި ކިއާރާ އަދުވާނީގެ އިތުރުން ބޫމީ ޕިޑްނޭކަރެވެ. މި ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ބަތަލާ ކެޓްރީނާ ކައިފާ ކައިވެނިކުރި ފަހުން ރިލީޒްވާ ވިކީގެ ފުރަތަމަ ފިލްމެވެ.

ދަރުމާ އިން މި އަހަރު ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ބުރައްމަސްތުރާ"، "ލައިގާ"، "ޖުގް ޖުގް ޖިއޯ" އަދި "ގެހަރާއިޔާ" ހިމެނެ އެވެ. މި ފިލްމުތަކުގެ ތެރޭގައި "ގެހަރާއިޔާ" އަކީ ވެސް ޑިޖިޓަލްކޮށް ޕްރީމިއާކުރި ފިލްމެކެވެ. އެއީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.