އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަންގެ ވާޖިން އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.
އެ އެއާލައިނުން ރާއްޖެ އަށް އުދުހެން ފަށާނީ މި މަހުގެ 30 އިން ފެށިގެންނެވެ. އެ ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ވާޖިން އެޓްލަންޓިކް އެއާވޭސްގެ ބޮއިންގް 787-9 މަރުކާގެ ބޯޓެއްގަ އެވެ. އޭގައި އަޕަ ކްލާހުގެ 31 ސީޓާއި، ޕްރިމިއަމް 35 ސީޓުގެ އިތުރުން 192 އިކޮނޮމީ ސީޓު ހިމެނެ އެވެ.
ވާޖިން އެޓްލާންޓިކުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޓިކެޓް މާދަމާ ވިއްކަން ފަށަން ހަމަޖެހިފައިވެ އެވެ.
މީގެ 38 އަހަރު ކުރިން ވުޖޫދަށް އައި އެއާލައިނަކީ މިހާރު ވެސް 32 މަންޒިލަކަށް އުދުހޭ އެއާލައިނެކެވެ. ވާޖިން އެޓްލާންޓިކްގެ ފްލީޓްގެ އަދަދަކީ 37 އެވެ.
ރާއްޖެ އަށް މިހާރު ވެސް އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން، ބްރިޓިޝް އެއާވޭސް އިން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ. އެ ގައުމު ހިމެނެނީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގަ އެވެ.