އިންޑިއާ އިން އަލަށް ޕްރައިވެޓް ރޮކެޓެއް މިއަދު ޖައްވަށް އުދުއްސާލައިފި އެވެ.
މިއީ އެ ގައުމުގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އިންސްޓިއުޓް (އިސްރޯ) ގެ ހުއްދައާ އެކީ، ސްޓާޓަޕެއް ކަމަށްވާ ސްކައިރޫޓް އެއޮރޯސްޕޭސް އިން ޑިވެލޮޕްކޮށް "ވިކްރަމް-އެސް" ގެ ނަމުގައި އުދުއްސާލި އެއްޗެކެވެ. އެގޮތުން މިކަންވެފައި ވަނީ އިންޑިއާގެ ތާރީހުގައި ވެސް އަލަށް ޕްރައިވެޓް ކުންފުންޏަކުން ރޮކެޓެއް އުދުއްސާލި ފުރަތަމަ ފަހަރަށެވެ.
ސްކައިރޫޓުން ބުނީ މިއަދު ޖައްވަށް ދޫކޮށްލި ރޮކެޓަކީ އެ ކުންފުނީގެ ކުރިއަށް ހުރި މަސައްކަތްތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ އާއި އެއާ ގުޅުން ހުރި ވަރަށް ގިނަ ކަންކަން ޓެސްޓްކުރަން ފަހިވާނެ ފުރުސަތެއް ކަމަށެވެ. އަދި މީގެ ތަޖުރިބާގެ އަލީގައި މަސައްކަތްތައް އިތުރަށް ފުޅާކޮށް، ޖައްވީ މިޝަންތަކަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބުމަށް މަގުފަހިވާނެ ކަމަށް ބުންޏެވެ.
މިއަދު އުދުއްސާލި "ވިކްރަމް-އެސް" އަކީ ބަރުދަނުގައި 546 ކިލޯ ހުރި އަދި 89.5 ކިލޯމީޓަރު އުސްމިނުގެ ރާސްތާއަކަށް ދަތުރުކުރެވޭނެ އެއްޗެކެވެ.
ސްކައިރޫޓްގެ ބާނީންގެ ތެރޭގައި ހިމެނޭ ޕަވަން ކުމާރު ޗަންދަނާ ވިދާޅުވީ އެ ކުންފުންޏަށް ރޮކެޓެއް އުދުއްސާލުމުގެ ޝަރަފު ލިބުމަކީ މި ދާއިރާ އިން އިންޑިއާގެ ކުރިމަގު ވަރަށް އުޖާލާވާނެކަން ދައްކުވައިދޭ ކަމެކެވެ. ހައިދާރުއާބާދަށް ނިސްބަތްވާ ސްކައިރޫޓް ވުޖޫދަށް އައީ 2018 ގަ އެވެ. އެ ކުންފުނި އުފެއްދުމުގައި އިސްކޮށް ތިއްބެވީ ޕަވަން އާއި ނާގަ ބާރަތު ޑާކާ އަކީ ކުރިން ހުރީ އިސްރޯގައި މަސައްކަތްކުރެއްވި އިންޖިނިއަރުންނެވެ.
ސްކައިރޫޓް ފަންޑްގެ ގޮތުގައި 68 މިލިއަން ޑޮލަރު މިހާތަނަށް ހޯދާފައިވެ އެވެ.