Last Updated: July 28, 10:12
Tuesday, July 28, 2026
މުނިފޫހިފިލުވުން

ސްޕީލްބާގް ޑައިރެކްޓްކުރާ ފިލްމެއް ކޫޕާ އަށް

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް ޑައިރެކްޓްކުރާ ފިލްމަކުން މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާ އަށް ފުރުސަތު ލިބިއްޖެ އެވެ.

ވެރައިޓީން ބުނި ގޮތުގައި ވޯނާ ބްރޮސްއާ ގުޅިގެން ހަދަން ނިންމާފައިވާ މި ފިލްމަކީ ކުރިން ވެސް އެ ސްޓޫޑިއޯ އިން ގެނެސްދިން "ބްލިޓް" އެއްފަރާތްކޮށްފައި ހަދަން ނިންމާފައިވާ މުޅިން އޮރިޖިނަލްއެއް ކަމަށެވެ. އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ބްލިޓް" އަކީ 1968 ގެ ފިލްމެކެވެ. އެމެރިކާގެ ކުރީގެ ވަރުގަދަ ފުލުހެއް ކަމަށްވާ ފްރޭންކް ބްލިޓަށް ބިނާކޮށް ގެނެސްދިން އެ ފިލްމުގައި ޓައިޓްލް ރޯލު ކުޅުނީ ސްޓީވް މެކްއީން އެވެ.

ޕީޓާ ޔޭޓްސް ޑައިރެކްޓްކުރި "ބްލިޓް" އަކީ ލިޔުންތެރިޔާ ރޮބަޓް އެލް ފިޝްގެ 1963 ގެ ވާހަކަ "މިއުޓް ވިޓްނެސް" އަސްލަކަށް ބަލައިގެން ހެދި ފިލްމެކެވެ.

ނަމަވެސް ސްޕީލްބާގް އާއި ކޫޕާގެ "މިއުޓް" އަކީ މުޅިން ތަފާތު އޭންގަލަކުން، މުޅިން އޮރިޖަނަލް ޕްލޮޓަކަށް ހަދަން ނިންމާފައިވާ އެއްޗެކެވެ. މީގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ މަސައްކަތާ ހަވާލުވެފައި ވަނީ "ދަ ޕޯސްޓް" އާއި "ސްޕޮޓްލައިޓް" ގެ ސްކްރީން ރައިޓަރު ޖޯޝް ސިންގާ އެވެ.

"ބްލިޓް" ކުޅުމުގެ އިތުރަށް މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ކޫޕާ ހިއްސާވާނެ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެ، 2018 ގެ "އަ ސްޓާ އިޒް ބޯން" ކުޅެ، ޑައިރެކްޓްކުރި އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އޭނަ ލިޔެ، ޑައިރެކްޓްކުރި ބައޮގްރިފިކަލް ފިލްމު "މައެސްޓްރޯ" އެވެ. މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ސްޕީލްބާގް ވެސް ހިމެނެ އެވެ.

"އީޓީ: ދި އެކްސްޓްރާ ޓެރެސްޓްރިލް" އާއި "ޖުރަސިކް ޕާކް" އާއި "ދަ ޓާމިނަލް" އާއި "ލިންކަން" އަދި "ޝިންޑްލާސް ލިސްޓް" ފަދަ އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 11 ގައި ރިލީޒްކުރި "ދަ ފޭބްމަންސް" އެވެ.