މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމުގެ މަސައްކަތް ޔުނައިޓެޑުން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޔުނައިޓެޑުން މި މަސައްކަތް ފެށީ ރޮނާލްޑޯ "ޓޯކްޓީވީ" އަށް ދިން އިންޓަވިއުގައި ޔުނައިޓެޑްގެ ކޯޗު އެރިން ޓެން ހާގް އާއި އެ ކްލަބުގެ އިސްވެރިންނަށް ފާޑުކިޔުންތައް އަމާޒުކުރުމުންނެވެ. އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޓެން ހާގަށް އިހުތިރާމް ނުކުރާ ކަމަށާއި ކްލަބުން އޭނާ އަށް ބޭވަފާތެރިވެފައިވާ ކަމަށް ބުނެފަ އެވެ.
ރޮނާލްޑޯ ،37، ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާނެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ އިންޓަވިޔުއާ ގުޅިގެން ރޮނާލްޑޯ ކޮންޓްރެކްޓްގެ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ނިންމާ އޭނާގެ ކޮންޓްރެކްޓް އުވާލުމުގެ މަސައްކަތްތައް ޔުނައިޓެޑުން މިހާރު ވަނީ ފަށާފަ އެވެ. އަދި ކޮންޓްރެކްޓްއާ ހިލާވުމުން ރޮނާލްޑޯއާ ދެކޮޅަށް ދައުވާ ކުރުމާ މެދު ވެސް ޔުނައިޓެޑުން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރޮނާލްޑޯ ޔުނައިޓެޑާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ކްލަބުގެ އަގުވެއްޓޭ ފަދަ ކަމެއް ނުވަތަ ކްލަބަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
މިދިޔަ ޓްރާންސް މާކެޓުގައި ޔުނައިޓެޑް ދޫކޮށްލަން ރޮނާލްޑޯ މަސައްކަތް ކުރި ނަމަވެސް އެކަން އޭނާ އަށް ކާމިޔާބުވެފައެއް ނުވެ އެވެ. މި ސީޒަނުގައި ރޮނާލްޑޯ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭ އިރު 16 މެޗުގައި އޭނާ އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ތިން ގޯލެވެ.