މާދަމާ ގަތަރުގައި ފަށާ ވޯލްޑް ކަޕްގައި ޔޫރަޕްގެ ބައެއް ގައުމުތަކުން ބޭނުން ކުރުމަށް ހަމަޖެހިފައިވާ "ވަންލަވް" ރެއިންބޯ ކެޕްޓަން ބޭންޑް ނާޅަން ފްރާންސްގެ ގައުމީ ޓީމުން ނިންމައިފި އެވެ.
މި ކެޕްޓަން ބޭންޑް ޔޫރަޕްގެ ބައެއް ގައުމުތަކުން އެޅުމަށް ނިންމާފައިވަނީ ވޯލްޑް ކަޕްގެ މަސައްކަތުގައި އުޅޭ ގިނަ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ކަށަވަރު ނުކޮށްދޭތީ އާއި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކާއި މެދު ގަތަރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
ޓީމުތަކުން އަމިއްލަ އަށް ޑިޒައިންކޮށްފައިވާ އާމްބޭންޑް ވޯލްޑް ކަޕްގައި އެޅުމަކީ ފީފާގެ ގަވާއިދު ތަންދޭ ކަމެއް ނޫނެވެ. އެކަން ކުރުމަށް ފީފާ އިން ހާއްސަ ހުއްދައެއް ނަގަންޖެހެ އެވެ.
ފްރާންސްގެ ފުޓްބޯޅަ އިދާރާއާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ފްރާންސުން އެ ބޭންޑް ނާޅަން ނިންމީ އެކަމުގެ ހުއްދަ އަށް ފީފާގައި ދެ ފަހަރެއްގެ މަތިން އެދުމުންވެސް އެ އިދާރާ އިން އެކަމަށް އިޖާބަދީފައި ނުވާތީ އެވެ.
ރިޕޯޓުތައް ބުނާގޮތުން ބާކީ ތިބި ޓީމުތަކުން ވެސް މިކަމުގައި ފީފާގެ ހުއްދަ އަށް ވަނީ އެދިފަ އެވެ. ނަމަވެސް ވޯލްޑް ކަޕް ފެށެން 24 ގަޑިއިރަށް ވެފައިވާއިރު ވެސް ފީފާ އިން ޓީމުތަކަށް ޖަވާބެއް ދީފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ފީފާ އިން ޖަވާބެއް ނުދިން ނަމަވެސް އިންގްލޭންޑް އާއި ވޭލްސް އިން މި ބޭންޑް އަޅައިގެން ކުޅުމަށް ވަނީ ނިންމާފަ އެވެ.
މި ބޭންޑް ނާޅަން ފްރާންސުން ނިންމިއިރު އެޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ދާދިފަހުން ވަނީ ގަތަރުގެ އުސޫލުތަކަށް ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމަށް ބުނެފަ އެވެ.