މާދަމާ ގަތަރުގައި ފަށާ ވޯލްޑް ކަޕްގައި އޮފްސައިޑް ނިންމުންތައް ފުރިހަމަ ވާނެ ކަމަށް ފީފާ ރެފްރީސް ކޮމިޓީގެ ޗެއާމަން ޕިއަރްލުއިޖީ ކޮލީނާ ބުނެފި އެވެ.
މި ވޯލްޑް ކަޕްގައި ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ޓެސްޓްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުރިއަށްދިޔަ އަރަބް ކަޕްގަ އެވެ. އޭގެ ފަހުން މި އަހަރު ކުރީކޮޅުގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކޮށްފައިވެ އެވެ. މި ޓެކްނޮލޮޖީ މެދުވެރިކޮށް މަދު ވަގުތުކޮޅެއްގެ ތެރޭގައި އޮފްސައިޑް ނިންމުންތައް ނިންމާލެވެ އެވެ.
އިއްޔެ ދޯހާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮލީނާ ބުނީ މި ޓެކްނޮލޮޖީއާއެކު އޮފްސައިޑް ނިންމުންތައް ނިންމުމުގައި އަވަސްކަމެއް އައުމުގެ އިތުރަށް ނިންމުންތައް ފުރިހަމަ ވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑަށް އޮންނާނެ ކަމަށެވެ. ނަމަވެސް އެންމެފަހުގެ ނިންމުން އަބަދުވެސް ނިންމާނީ މެޗު އޮފިޝަލުން ކަމަށް ކޮލީނާ ބުންޏެވެ.
މި ޓެކްނޮލޮޖީ ބޭނުން ކުރާއިރު ކޮންމެ ސްޓޭޑިއަމެއްގައި 12 ކެމެރާ ހަރުކޮށްފައި ހުންނާނެ އެވެ. އަދި މެޗު ކުޅޭ ބޯޅައިގައި އިންނަ ސެންސާ ޗިފް-ޑިވައިސް އެއް މެދުވެރިކޮށް، ކުޅުންތެރިއާ ބޯޅައިގައި ޖަހާ ސީދާ ވަގުތު ދެނެގަނެ، އެ ޑާޓާ ވަގުތުން ވީއޭއާރް ސިސްޓަމާ ހިއްސާކުރާނެ އެވެ.
ފީފާ އިން ބުނާގޮތުން މީގެކުރިން ބޭއްވި މުބާރާތްތަކުގައި މި ޓެކްނޮލޮޖީގެ ތަޖުރިބާ ވަރަށް ފުރިހަމަ އެވެ. އަދި މިއީ އެންމެ ފުރިހަމަ އަށް އޮފްސައިޑް ނިންމުންތައް ނިންމަން މިވަގުތު އޮތް އެންމެ ބަރާބަރު ޓެކްނޮލޮޖީ ކަމަށްވެސް ފީފާ އިން ބުނެ އެވެ.
ވޯލްޑް ކަޕް ފަށާނީ މާދަމާ ރޭ ގަތަރާއި އިކުއެޑޯ ބައްދަލުކުރާ މެޗުންނެވެ.