ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބެލްޖިއަމުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި މިސްރު އަތުން 2-1 އިން ބަލިވެއްޖެ އެވެ.
ކުވެއިތްގައި ރޭ ކުޅުނު މި މެޗަށް ބެލްޖިއަމުން ނެރުނު ފުރަތަމަ އެގާރާގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމަނާފައިވެ އެވެ. އޭގެތެރޭގައި ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބޯ ކޯޓުއާ އާއި އެޓީމުގެ އެޑެން ހަޒާޑް އަދި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ހިމެނެ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ މިސްރުން ކަމަށްވާއިރު މެޗުގެ 33 ވަނަ މިނެޓްގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުސްތަފާ މުހައްމަދެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ ބެލްޖިއަމްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. އަދި މުހައްމަދު ސަލާހު ދިން ރީތި ޕާހަކުން ދެވަނަ ހާފްގެ ކުރީކޮޅު ޓްރެޒެގޭ ވަނީ މިސްރުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ.
ބެލްޖިއަމްގެ ހަމައެކަނި ގޯލް މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުއިސް އޮޕެންޑާ އެވެ.
އެންމެފަހުގެ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމް މިފަހަރުގެ މުބާރާތުގައި ލައްވާލާފައިވަނީ ކެނެޑާ އާއި ކްރޮއޭޝިއާ އަދި މޮރޮކޯއާ އެއް ގްރޫޕެއްގަ އެވެ. ބެލްޖިއަމްގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ނިކުންނާނީ ކެނެޑާއާ ދެކޮޅަށެވެ.