ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް ބަޔަކު ހަމަލާ ދިނުމުގައި މިނިސްޓަރު ނަހުލާގެ ބައިވެރިވުމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން ބުނެފި އެވެ.
ޝިމާޒަށް ރޭ ބަޔަކު މަގުމަތިން ދިން ހަމަލާއާ ގުޅިގެން، އެކަމާއި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ގުޅުވައިގެން ވާހަކަތަކެއް ދެކެވޭތީ ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ޝިމާޒަށް ބަޔަކު ހަމަލާއެއް ދީފައިވާ ނަމަ އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށާއި އެ ކަމަކީ މިނިސްޓަރު ނަހުލާ ކުރެއްވާ ކަމެއް ކަމަށް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ އެއްވެސް ކަމެއްގައި މިނިސްޓަރު ނަހުލާގެ ބައިވެރިވުމެއް ނޯންނާނެ އެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމްގެ އިބްރާހީމްގެ އަނބިކަނބަލުންނަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ހިތްވަރު ވެސް ދެއްވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ނަހުލާ އެފަދަ ކަމެއް ކުރައްވަފާނެ ކަމަށް ބުނެ ބުހުތާނު ދޮގު އިލްޒާމު އެޅުވުމަކީ އަސްލު މައްސަަލައިގެ ފޯކަސް ގެއްލުވާލުންތޯ މިއީވެސް އުފެދޭ ސުވާލެއް." އަލީ ސޯލިހު ވިދާޅުވި އެވެ.
އެމްއާރްއެމަށް ނިސްބަތްވާ ޝިމާޒަށް ބަޔަކު ހަމަލާ ދީފައި މި ވަނީ އޭނަގެ ސައިކަލަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ގެއްލުން ދިނުމަށް ފަހު، އާއިލާ އަށް ވެސް ބަޔަކު ގުޅައި އިންޒާރު ދެމުންދާ ކަމަށް ބުނެ އެ ވާހަކަ ޕޮލިސް ޓެގްކޮށް، ޓްވީޓްކުރައްވާފައި ވަނިކޮށެވެ. ޝިމާޒަށް ރޭ ހަމަލާދިން އިރު، ފުލުހުން ގެންދިޔައީ އޭނަ ސަމާލު ކަމަށް ކުރިން ގެނައި މައްސަލަ ބަލަމުންނެވެ.
Dhogu thuhumath alhuvaafa, Cycle halaak kohffa inzaaru ge msg kohffa e varun nuvegen mihaaru aailaa ah gulhaafa inzaaru dheyn feshee kon kameh nuvegen baa? @PoliceMv pic.twitter.com/evbmflngqx
— Shimaaz Ali (@shimatey) November 11, 2022
ޝިމާޒަކީ ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ވެހިކަލްތަކެއް ރަޖިސްޓްރީކޮށް ދެއްވިކަމުގެ ތުހުމަތުކުރެވި، މަގާމުން ވަކިކޮށް ދޭން ނަހުލާ އެދިވަޑައިގެންފައިބާ ބޭފުޅެކެވެ. ނަމަވެސް ޝިމާޒް ވިދާޅުވަމުން ގެންދަވަނީ އޭނަގެ މައްޗަށް ކުރަނީ ދޮގު ތުހުމަތަކެއް ކަމަށެވެ.
އެ މައްސަލާގައި އެމްއާރްއެމުން ބުނެފައި ވަނީ ޝިމާޒަށް އެއްވެސް ފިޔަވަޅެއް އަޅަންވާނީ ވަރަށް ރަނގަޅަށް މައްސަލަ ބެލުމަށް ފަހު ކަމަށެވެ.