Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

މިސްޓަ ބީސްޓަށް ޔޫޓިއުބްގައި ރެކޯޑެއް

މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެ އަށް ވެސް ދަތުރެއް ކުރި އެމެރިކާގެ މަޝްހޫރު ޔޫޓިއުބާ މިސްޓަ ބީސްޓަށް ޔޫޓިއުބްގައި ރެކޯޑެއް ލިބިއްޖެ އެވެ.

ގިނިސް ވޯލްޑް ރެކޯޑުން ބުނި ގޮތުގައި އަސްލު ނަމުން ނަމަ ޖިމީ ޑޮނަލްޑްސަން، 24، އަކީ މިހާރު އެންމެ ގިނަ ސަބްސްކްރައިބަރުން ތިބި ފިރިހެން ޔޫޓިއުބާ ކަމަށެވެ. އޭނަގެ ސަބްސްކްރައިބަރުންގެ އަދަދު މި މަހުގެ 17 އާ ހަމައަށް ޖުލްމަ 112،193،139 އަށް އަރަ އެވެ. މިއާ އެކީ މިސްޓަ ބީސްޓް ވެފައި ވަނީ މިހާރު އެންމެ ގިނަ ސަބްސްކްރައިބަރުން ތިބި ހަމައެކަނި ފަރުދަށެވެ.

ކުރިން މި ރެކޯޑް އޮތީ ޕިއުޑިޕައިގެ ނަމުން މަޝްހޫރު ސްވިޑްންގެ މަޝްހޫރު ފެލިކްސް އާވިޑް އަލްފް ޖެލްބާގް، 33، އަށެވެ. އޭނަގެ ސަބްސްކްރައިބަރުންގެ އަދަދު އުޅެނީ 111 މިލިއަންގަ އެވެ.

މިސްޓަ ބީސްޓް ޔޫޓިއުބާ ގުޅުނީ 2012 ގަ އެވެ. އޭނަ އަށް މިހާރު އެ ޕްލެޓްފޯމްގެ ރެކޯޑެއް ކަށަވަރުވި އިރު، މިސްޓަ ބީސްޓް އިތުރު ހަތަރު ޔޫޓިއުބް ޗެނަލެއް ވެސް ގެންގުޅެ އެވެ. އޭގެ ތެރެއިން ގޭމިން ޗެނެލް އަކީ 29.5 މިލިއަން ސަބްސްކްރައިބަރުން ތިބި ޗެނެލެވެ.

މިސްޓަ ބީސްޓްގެ ވީޑިއޯއަތަކަށް މިހާތަނަށް 18.5 ބިލިއަން ވިއުސް ލިބިފައިވެ އެވެ.