މާދަމާ ފަށާ މި އަހަރުގެ ވޯލްޑް ކަޕް ބޮޑު ސްކްރީންގައި ބެލުމުގެ އިންތިޒާމު ހުޅުމާލޭ ދެ ސަރަހައްދެއްގައި ހަމަޖައްސައި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)، ބުނެފި އެވެ.
އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގައި ބަހައްޓާ މި ސްކްރީންތަކަކީ މާލޭ ސަރަހައްދުގައި ބެހެއްޓޭ އެންމެ ބޮޑު ސްކްރީންތައް ކަމަށެވެ. މި ދެ ސްކްރީން ބަހައްޓަނީ ހުޅުމާލޭ ސިންތެޓިކް ސަރަހައްދުގައި އަދި ހިޔާ ސަރަހައްދުގަ އެވެ. އެޗްޑީސީން މި ހަރަކާތް ކުރިއަށް ގެންދަނީ "ބޯޅަ ފޯރީ" ގެ ނަމުގަ އެވެ.
މިއަހަރުގެ ވޯލްޑްކަޕް މުބާރާތް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި، @hdcmaldives އިން ކުރިއަށް ގެންދާ "ބޯޅަ ފޯރި" ހަރަކާތުގެ މެއިން ޕާޓްނަރ ގޮތުގައި މިކުންފުނިން މިއަދު ވަނީ ސޮއިކޮށްފައި. pic.twitter.com/yo5M8pkHC4
— STELCO (@STELCOMALDIVES) November 17, 2022
އެޗްޑީސީން މާލޭ ސަރަހައްދުގެ އެންމެ ބޮޑު ސްކްރީން ބެހެއްޓުމަށް ތައްޔާރުވަމުންދާއިރު، ސްކްރީން ބެހެއްޓުމަށް ލެޑް ޕެނަލް ދީފައި ވަނީ ސްޓެލްކޯއިންނެވެ. މީގެ އިތުރުން ޕްރިންޓިން ޕާޓްނަރެއްގެ ގޮތުގައި ތިންކް އަދި ބެވަރޭޖް ޕާޓްނަރެއްގެ ގޮތުގައި ކޮކާކޯލާ އިން ބައިވެރިވާ ކަމަށާއި ސަޕޯޓިންގް ޕާޓްނަރެއްގެ ގޮތުގައި ވެލިގާއިން ބައިވެރިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
— HDC (@hdcmaldives) November 17, 2022
އެޗްޑީސީން ބުނީ ވޯލްޑް ކަޕަކީ ދިވެހިންގެ މެދުގައި އެންމެ މަޤްބޫލު ފުޓުބޯޅަ ޢީދު ކަމަށާއި މިކަން ކުރަން އެޗްޑީސީން ނިންމީ އެކުވެރި މާހައުލެއްގައި ފުޓުބޯޅައިގެ ޢީދުގައި ބައިވެރިވެ، ފޯރި ނަގަމުން މިމުބާރާތް ބެލުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ކަމަށެވެ. އަދި އެޗްޑީސީން އަބަދު ވެސް ބަލަނީ ރައްޔިތުންނަށް ބޭނުންވާ މިފަދަ މުހިންމު ކަންކަމަށް މަގުފަހިކޮށް ދެވޭތޯ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ފަރާތްތަކުން އަންނަނީ އިންތިޒާމު ކުރަމުންނެވެ. އަދި ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ބެލުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށް މީޑިއާ ނެޓުން ވަނީ ބުނެފަ އެވެ. ނަމަވެސް ވިޔަފާރި އުސޫލުން ބެލުމުގެ އިންތިޒާމު އެ ކުންފުނިން ވަނީ މަނާކޮށްފަ އެވެ.