Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ހުމޭނީގެ ގޭގައި ރޯކޮށްލައިފި

އިރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން އިރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ހުމޭނީގެ ގޭގައި ރޯކޮށްލައިފި އެވެ.

ހުމޭނީ އުފަންވެވަޑައިގަތް އަދި އޭގެ ފަހުން ހަޔާތުގެ ބޮޑު ބައި ހޭދަކުރެއްވި ގެއަކީ ފަހުން އޭނަގެ ހަނދާނީ ދާރުލްއާސާރާކަށް ބަދަލުކޮށްފައިވާ ތަނެކެވެ. އެ ތަނުގައި މުޒާހަރާކުރަމުން ދިޔަ ބަޔަކު ރޯކޮށްލީ ރޭގެ ވަގުތެއްގަ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

ނަމަވެސް އިރާންގެ ބައެއް އިދާރާތަކުން ވަނީ ހުމޭނީގެ ގޭގައި އަލިފާން ރޯކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. ހުމޭނީ އަކީ 1979 ގައި އިރާނަށް ގެނައި އިސްލާމީ އިންގިލާބުގެ ލީޑަރަވެ. އޭނަ އުމުރުން 87 އަހަރުގައި އަވަހާރަވީ 1989 ގަ އެވެ.

ސެޕްޓެމްބަރު މަހުގެ 16 އިން ފެށިގެން އެތައް ބަޔަކު މަގުތަކަށް ނުކުމެ، މުޅި އިރާންގައި މުޒާހަރާކުރަން ފެށީ މަހްސާ އަމީނީ ކިޔާ 22 އަހަރުގެ އަންހެނަކު ބުރުގާ ނާޅައި އުޅުމުން ފުލުހުން އޭނާ އެ މަހުގެ 13 ގައި ހައްޔަރުކޮށް ދިން އަނިޔާތަކާ ގުޅިގެން، ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ސެޕްޓެމްބަރު 16 ގައި މަރުވުމާ ގުޅިގެންނެވެ.

މި މުޒާހަރާތަކާ ގުޅިގެން މިހާތަނަށް އެތައް ބަޔަކު މަރުވެފައިވާ އިރު، މުޒާހަރާކޮށްގެން އެތައް ބަޔަކު ތަފާތު އެކި ދައުވާތައް ވެސް އުފުލާފައިވެ އެވެ.