Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ހަތަރު އަހަރުތެރޭ 33 ރިސޯޓް ހުޅުވި

މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި 33 ރިސޯޓް ހުޅުވާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހަތަރުވީ އިރު، ހޯދުން ކާމިޔާބީތަކާ ބެހޭ ގޮތުން ބުނެފައި ވަނީ ޓޫރިޒަމް ދާއިރާގެ ތެރެއިން ހޯދި އެންމެ ބޮޑު އެއް ކުރިއެރުމަކީ ހަތަރު އަހަރުގެ ތެރޭގައި 33 ރިސޯޓް ހުޅުވުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 2018 ގެ ފަހު ދެ މަހުގެ ތެރޭގައި ހުޅުވި ދެ ރިސޯޓަކާއި 2019 ގައި ހުޅުވި 18 ރިސޯޓަކާއި 2020 ގައި ހުޅުވި ތިން ރިސޯޓަކާއި މިދިޔަ އަހަރު ހުޅުވި ހަތް ރިސޯޓެއްގެ އިތުރުން މި އަހަރުގެ ތެރޭގައި ހުޅުވި ތިން ރިސޯޓެކެވެ.

މި 33 ރިސޯޓާ އެކީ މި ދައުރުގެ ތެރޭގައި ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީ އަށް 9،497 އެނދު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. ސަރުކާރުން ބުނި ގޮތުގައި ކޮވިޑްގެ ވަބާ ކުރިމަތި ނުވި ނަމަ ޓޫރިޒަމް ދާއިރާ އިން ރިސޯޓްތަކުން މި އަހަރުގެ މިހާތަނަށް ނެރުވެނު އެނދުގެ ނިސްބަތް މާ ބޮޑަށް ވެސް އިތުރުވީހެވެ.

ދުނިޔޭގެ ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމު ކަމަށްވާ ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ވެސް ފުރިފައިވާ އިރު، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެނދު އިތުރުވީ އަދަދަށް ބަލާ އިރު އެއީ ރެކޯޑް އަދަދެއް ކަމަށް ސަރުކާރުން ބުންޏެވެ. އެގޮތުން ކުރީގެ ސަރުކާރުގެ ތަފާސްހިސާބުތައް އަޅާކިޔުމުގެ ގޮތުން އެނދު އިތުރުވި މިންވަރު ވެސް އާންމުކޮށްފައިވެ އެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގެ ވެރިކަން 1978-2008 ގައި ނިމުމަކަށް އައި އިރު، 30 އަހަރުގެ ތެރޭގައި އިތުރުވީ 19،324 އެނދެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ދައުރު ހަމަނުނަވީސް 2012 ގައި ނިމުމަކަށް އައި އިރު، އިތުރުވީ 751 އެނދެވެ. އޭގެ ފަހުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު 2012-2013 އަށް ވެރިކަން ކުރެއްވި އިރު، އެ މުއްދަތުގެ ތެރޭގައި އިތުރުވީ 871 އެނދެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2013-2018 އަށް އިތުރު ކުރެވުނީ 7،476 އެނދެވެ.

ރާއްޖޭގައި މިހާރު ވެސް އިތުރު ރިސޯޓްތަކެއް ތަރައްގީކުރަމުން އަންނަ އިރު، އަންނަ އަހަރުގެ ތެރޭގައި ވެސް އޮޕަރޭޝަނަށް އާ ރިސޯޓްތަކެއް ނެރޭނެ އެވެ.

މި ވެރިކަމުގައި ޓޫރިޒަމް ދާއިރާ އިން ރާއްޖެ އަށް ލިބުނު ކުރިއެރުންތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ލިބުން ހިމެނެ އެވެ. ރާއްޖޭގެ އިގުތިސާދު ބިނާވެފައި އޮތީ ޓޫރިޒަމަށެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތަކުގެ އިތުރުން ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކާއި ސިޓީ ހޮޓާތައް ވެސް ހިންގަ އެވެ. އަދި ހޯމް ސްޓޭ އަކީ ވެސް މިހާރު ޓޫރިޒަމްގެ އެއް ބައެވެ. ރާއްޖޭން މި އަހަރު އަމާޒު ހިފާފައި އޮތީ 1.6 މިލިއަން ޓޫރިސްޓް ގެނައުމަށެވެ.