Last Updated: July 17, 17:40
Friday, July 17, 2026
ކުޅިވަރު

ގަތަރަށް ފާޑުކިޔަން ޔޫރަޕް ރީއްޗެއް ނޫން

ވޯލްޑް ކަޕާއި ގުޅުވައިގެން ގަތަރަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރައްދު ދެއްވައިފި އެވެ.

ވޯލްޑް ކަޕް މާދަމާ ރޭ ގަތަރުގައި ފަށާއިރު މުބާރާތުގެ މަސައްކަތުގައި އުޅޭ ގިނަ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ކަށަވަރު ނުކޮށްދޭތީ އާއި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކާއި މެދު ގަތަރުން ގެންގުޅޭ ސިޔާސަތަށް ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފަންޓީނޯ ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުން ފާއިތުވި 3،000 އަހަރު ކުރަމުން ގޮސްފައިވާ ކަންކަމަށް ބަލާއިރު އެހެން މީހުންނަށް ފިލާވަޅުތައް ދިނުމުގެ ބަދަލުގައި ފުރަތަމަ ޖެހެނީ އެހެން ގައުމުތަކުގެ ކިބައިން ކުރިއަށް އޮތް 3،000 އަހަރަށް މައާފަށް އެދެން ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުން ގަތަރުގައި މަސައްކަތް ކުރާ އެހެން ގައުމުތަކުގެ މީހުންނާ މެދު އެހާ ބޮޑަށް ވިސްނާ ނަމަ އެމީހުންނަށް އެގައުމުތަކުގައި މަސައްކަތް ކުރެވޭނެ ފުރުސަތެއް ހޯދައިދިނީސް ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ. އަދި އެ ފުރުސަތު ވެސް ގަތަރުން ފަހިކޮށްދީފައިވާއިރު އެގައުމަށް ކިޔަމުންދާ ފާޑުކިޔުންތައް ގަބޫލުކުރަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

އިންފަންޓީނޯ ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތުން ގަތަރުން ކުރިއެރުންތައް ހޯދާފައިވާ ކަމަށާއި އެކަން ބަލައިގަންނަން ބައެއް މީހުން ދެކޮޅު ހަދާ ސަބަބު ނުވިސްނޭ ކަމަށެވެ. އަދި ގަތަރު އޮތީ ވޯލްޑް ކަޕަށް ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށާއި މިއީ އެންމެ ބަރާބަރު ވޯލްޑް ކަޕަށް ވެގެންދާނެ ކަމަށްވެސް ފީފާގެ ރައީސް ވިދާޅުވި އެވެ.

"އަހަރެން ގަތަރު ދިފާއު ކުރާކަށް ނުޖެހޭނެ، އެމީހުންނަށް އަމިއްލަ އަށް ވެސް އެކަން ކުރެވޭނެ. އަހަރެން ދިފާއު ކުރާނީ ފުޓްބޯޅަ. އެކި ކަންކަމުގައި ގަތަރުން ކުރިއެރުންތަކެއް ހޯދައިފި." އިންފަންޓީނޯ ވިދާޅުވި އެވެ.

ވޯލްޑް ކަޕް ފަށާނީ މާދަމާ ރޭ ގަތަރާއި އިކުއެޑޯ ބައްދަލުކުރާ މެޗުންނެވެ.