Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ގަތަރުގައި ވޯލްޑް ކަޕް ބާއްވާތީ ފަހުރުވެރިވޭ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

ގަތަރުގައި ވޯލްޑް ކަޕް ބޭއްވުމަކީ ރާއްޖެއިން ފަހުރުވެރިވާ ކަމެއް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ގަތަރުގައި މާދަމާ ފަށާ ވޯލްޑް ކަޕާ ދިމާކޮށް ގަތަރުގެ ހާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ސާނީ އަށް ޝާހިދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ވޯލްޑް ކަޕް ބާއްވާ ފުރަތަމަ އިސްލާމީ ގައުމަކަށް ގަތަރު ވުމަކީ ލިބޭ ޝަރަފެއް ކަމަށާއި އަދި ގަތަރަކީ ވޯލްޑް ކަޕް ބާއްވާ އެންމެ ކުޑަ ގައުމަކަށް ވުމަކީ އެކަމާ މެދު ރާއްޖޭން ފަހުރުވެރިވާ ކަމެއް ކަމަށެވެ.

ގަތަރު ފަދަ ކުޑަ ގައުމެއްގައި ވޯލްޑް ކަޕް ބޭއްވުމަކީ ހުރިހާ ދާއިރާއެއްގައި ވެސް ކުދި ގައުމުތަކަށް ކަންކަން ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ގަތަރުން ވޯލްޑް ކަޕަށް ވަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. ފޯރިގަދަ ވޯލްޑް ކަޕަކަށް މިފަހަރުގެ ވޯލްޑް ކަޕް ވެގެންދާނެ ކަމަށް ދިވެހިން އުއްމީދުކުރާ ކަމަށާއި ގަތަރުގެ ރައްޔިތުންނަށް ކާމިޔާބީއަށް އެދޭ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޖުމްލަ 32 ޓީމު ވާދަކުރާ ވޯލްޑް ކަޕް ކުރިއަށްދާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 18 ގެ ނިޔަލަށެވެ.

ވޯލްޑް ކަޕް ފަށާނީ މާދަމާ ރޭ ގަތަރާއި އިކުއެޑޯ ބައްދަލުކުރާ މެޗުންނެވެ.