Last Updated: April 25, 22:42
Friday, April 26, 2024
ކުޅިވަރު

ބެންޒެމާ އަށް ވޯލްޑް ކަޕް ގެއްލިއްޖެ

އަނިޔާގެ ސަބަބުން ވޯލްޑް ކަޕަށް ފްރާންސްގެ ގައުމީ ޓީމުން ނެގި ސްކޮޑުން ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާ ބާކީކޮށްފި އެވެ.

ބެންޒެމާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ ފްރާންސުން އިއްޔެ ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އެގޮތުން އެ އަނިޔާއާ ގުޅިގެން ބެންޒެމާ ތިން ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށް ފްރާންސްގެ ފުޓްބޯޅަ އިދާރާ އިން ބުނެ އެވެ.

ބެންޒެމާގެ ބަދަލުގައި ސްކޮޑަށް ކުޅުންތެރިއަކު ނެގުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ފްރާންސަށް އޮންނާނެ އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް މިފަހަރު ހާސިލުކުރި ބެންޒެމާ އަކީ ޔޫރަޕްގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފޯވާޑެވެ.

ބެންޒެމާ އަކީ ފްރާންސްގެ ސްކޮޑަށް ނެގިފަހުން އަނިޔާގެ ސަބަބުން ބާކީ ކުރަން ޖެހުނު ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެކުރިން އަނިޔާގެ ސަބަބުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ޕްރެސްނަލް ކިމްޕެމްބޭ އާއި އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގް، ކްރިސްޓޮފާ އެންކުންކޫ ވެސް ވަނީ ސްކޮޑުން ބާކީކޮށްފަ އެވެ.

ފްރާންސަކީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާއިރު އަނިޔާގެ ހިޔަނި އެޓީމަށް ވަނީ ވަރަށް ބޮޑަށް އެޅިފަ އެވެ. އެގޮތުން މިފަހަރުގެ ވޯލްޑް ކަޕުން ފްރާންސްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އެންގޯލޯ ކަންޓޭ އަދި ޕޯލް ޕޮގްބާ ވެސް ނުފެންނާނެ އެވެ.

ވޯލްޑް ކަޕްގައި ފްރާންސް މިފަހަރު ލައްވާލާފައިވަނީ އޮސްޓްރޭލިއާ، ޑެންމާކް އަދި ޓިއުނީޝިޔާއާއެކު ގްރޫޕް ޑީ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ފްރާންސް ބައްދަލުކުރާނީ އޮސްޓްރޭލިޔާއާ އެވެ.