Last Updated: April 26, 20:10
Friday, April 26, 2024
ކުޅިވަރު

އެއްވެސް ބަޔަކަށް ގަތަރު ބަލިކަށިކޮށް ނުލެވޭނެ

އެއްވެސް ބަޔަކަށް ގަތަރު ބަލިކަށިކޮށް ނުލެވޭނެ ކަމަށް އެގައުމުގެ ފުޓްބޯޅަ ޓީމުގެ ކޯޗު ފެލިކްސް ސަންޗޭޒް ބުނެފި އެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ ގްރޫޕް އޭ ގައި ހިމެނޭ ގަތަރުން އިކުއެޑޯއާ ދެކޮޅަށް ނިކުންނާނެ އެވެ.

މިރޭގެ މެޗަށް ގަތަރު ނިކުންނައިރު މުބާރާތުގެ މަސައްކަތުގައި އުޅޭ ގިނަ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ކަށަވަރު ނުކޮށްދޭތީ އާއި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކާއި މެދު ގަތަރުން ގެންގުޅޭ ސިޔާސަތަށް ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސަންޗޭޒް ބުނީ މީހުން ގަތަރަށް ފާޑުކިޔުމަކީ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެންމެ ޓީމުގެ ކުޅުންތެރިންގެ ފޯކަސް ހުރީ މީހުން ދައްކާ ވާހަކަތަކަށް ވުރެ ބޮޑަށް ފުޓްބޯޅަ އަށް ކަމަށެވެ.

އެގޮތުން ގަތަރުން މި މުބާރާތަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށާއި ޓީމު އޮތީ އެކަތިގަނޑެއްގެ ގޮތުގައި ވަރަށް ވަރުގަދަކޮށް ކަމަށްވެސް ސަންޗޭޒް ބުންޏެވެ.

"އެއްވެސް ބަޔަކަށް އަހަރުމެން ބަލިކަށިކޮށް ނުލެވޭނެ." ސްޕެއިނަށް އުފަން ކޯޗު ބުންޏެވެ.

މިއީ ގަތަރުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރު ކަމަށްވާއިރު ގަތަރުގައި މިހާރު ހުރި ކޯޗަކީ އެޓީމަށް 2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ވެސް ކާމިޔާބުކޮށްދިން ކޯޗެވެ.

ގަތަރާއި އިކުއެޑޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.