ރާއްޖޭގައި އަލަށް ތައާރަފުކުރި ޝެފް އެވޯޑް 36 ޝެފަކަށް ލިބިއްޖެ އެވެ.
ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އަގުވަޒަންކޮށް، އެ ދާއިރާ އިން ކުރިއަށްދާން ހިތްވަރުގެ ދިނުމުގެ ގޮތުން މި އަހަރު އަލަށް ތައާރަފުކުރި ޝެފްސް ގިލްޑް މޯލްޑިވްސް (ސީޖީއެމް) ޝެފް އެވޯޑް 8 ކެޓަގަރީއަކުން ދީފައިވެ އެވެ.
ސީޖީއެމުން ތައާރަފުކުރި މި އެވޯޑްގެ ފުރަތަމަ ހަފުލާ ރޭ ކުނރުބާ މޯލްޑިވްސްގައި ބާއްވާފައިވާ އިރު، ހަފުލާ ޝަރަފުވެރިކޮށް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނެވެ. ރޭގެ ހަފުލާގައި އެވޯޑް ލިބުނު މީހުންގެ ތެރޭގައި އަރަމުން އަންނަ ވަރަށް ޒުވާން ޝެފުންނާއި ދާއިރާގައި ހަރަކާތްތެރިވާ މަތީ ފަންތީގެ ޝެފުންނާއި ދާއިރާއަށް ދިގު މުއްދަތަކަށް ދީފައިވާ ތަޖުރިބާކާރު ޝެފުން ހިމެނެ އެވެ.

ރޭގެ ހަފުލާގައި "ޝެފް އޮފް ދި އިޔާ" ގެ އެވޯޑް ލިބުނީ އަހުމަދު މާޒިމްއަށެވެ.

ސީޖީއެމްގެ ރައީސް މަރިޔަމް ނޫރައްދީން ވިދާޅުވީ ރާއްޖެ ޓޫރިޒަމް ދާއިރާ އިން ހޯދަމުން އަންނަ ކާމިޔާބީގައި އެފްއެންބީ އާއި ޝެފުންގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. އަދި އެ ދާއިރާ އަށް ގިނަ ދިވެހިން ނެރެ އެ މީހުން ކުރިއަރުވަން ސީޖީއެމުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ބައިނަލްއަޤގުވާމީ ޝެފުންގެ ޖަމިއްޔާ އިން ބަލައި ގަންނަ ޖަމިއްޔާއެއް. އަދި މީގެ ތެރެއިން ދިވެހި ޝެފުނަށް އެކި ފުރުސތުތައް ހޯދައިދީ، ބައިނަލްއަޤްވާމީ ފެންވަރުގެ ވަނަތަށް ރާއްޖެ އަށް އަންނަނީ ހޯދައި ދެމުން." އޭނާ ވިދާޅުވިއެވެ.
ސީޖީއެމް ޝެފް އެވޯޑް ދޭން ނިންމާފައި ވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އެވެ.