ޑައިރެކްޓަރު އަނޫގާރް ބާސޫ މީގެ 15 އަހަރު ކުރިން ގެނެސްދިން އެންތޮލޮޖީ ފިލްމު "ލައިފް އިން އަ…މެޓްރޯ" ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމަށް މިހާރު ކާސްޓުން ހަމަޖައްސަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ވެސް އެކްޓަރު އަލީ ފަޒަލް ރޯލަކަށް ނަގާފައިވާ ކަމަށް ބުންޏެވެ. އަނޫރާގް 2007 ގައި ބޮޑު ކާސްޓަކާ އެކީ ގެނެސްދިން "ލައިފް އިން އަ…މެޓްރޯ" ގެ ދެވަނަ ބައެއް ހަދަން އުޅޭ ވާހަކަ މީޑިއާތަކުން ދެއްކި ނަމަވެސް މިކަމާ ބެހޭ ގޮތުން އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އަނޫރާގަކީ ކާތިކް އާރިއަނާ އެކީ "އާޝިގީ 3" ހަދަން ސެޕްޓެމްބަރު މަހު އިއުލާންކުރި ޑައިރެކްޓަރެވެ. "ބަރްފީ" އާއި "މާޑާ" އަދި "ގޭންސްޓާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2020 ގެ އެންތޮލޮޖީ ފިލްމު "ލޫޑޯ" އެވެ.
ފަންސާސް ތިން ވަނަ ފިލްމުފެއާ އެވޯޑްސްގައި އަނޫރާގަށް އެންމެ މޮޅު ޑައިރެކްޓަރާއި ސްކްރީންޕްލޭގެ އެވޯޑްސް ލިބުނު "ލައިފް އިން އަ…މެޓްރޯ" ގެ ކާސްޓްގައި ކަންގަނާ ރަނާވަތު، އިރުފާން ޚާން، ޝައިނީ އަހޫޖާ، ކޮންކޮނާ ސެން ޝަރުމާ، ޝިލްޕާ ޝެޓީ، ކޭކޭ މެނަން، ދަރުމެންދުރާ، ނަފީސާ އަލީ އަދި ޝަރުމަން ޖޯޝީ ހިމެނެ އެވެ.
މި ފިލްމަކީ އެ ރިލީޒްކުރި ދުވަސްވަރު އޭގެ މިއުޒިކް ވެސް ވަރަށް މަޝްހޫރުވި ފިލްމެކެވެ.