Last Updated: July 28, 10:12
Tuesday, July 28, 2026
މުނިފޫހިފިލުވުން

ދަރިފުޅުގެ އެންގޭޖްމަންޓް ހަފުލާގައި އާމިރުގެ ނެށުމެއް

އަންހެން ދަރިފުޅު އިރާ ޚާންގެ އެންގޭޖްމަންޓް ހަފުލާގައި ބޮލީވުޑްގެ ތަރި އާމިރު ޚާން ނަށާލައި، ވަރަށް ކުރީގެ ހަނދާންތަކެއް އާކޮށް ދީފި އެވެ.

ހުކުރު ދުވަހު އިރާ އާއި ލޯބިވެރިޔާ ނުޕޫރް ޝިކާރޭގެ ރަސްމީ އެންގޭޖްމަންޓް ހަފުލާގައި އާމިރު ޚާން ނެށީ އޭނަގެ ފުރަތަމަ ފިލްމު 1988 ގެ "ގަޔާމަތު ސޭ ގަޔާމަތު ތަކް" ގެ މަޝްހޫރު ލަވަ "ޕާޕާ ކެހެތޭ ހޭ" އަށެވެ. މި ލަވަ އާމިރު ނެށި އިރު، އިރާ އާއި ހަފުލާގައި ބައިވެރިވި ދެ ފަރާތުގެ އާއިލާގެ މީހުން ފޯރި ނަގަމުން ދިޔަ ތަން ވެސް އާންމުވެފައިވާ ވީޑިއޯއަކުން ފެނެ އެވެ.

އެ ހަފުލާގައި އާމިރު ހުރީ ކްރީމް ކުލައިގެ ކުރުތާއެއް ލައިގެންނެވެ. އަދި 57 އަހަރުގެ އެކްޓަރު ފެނުނީ އެ އުމުރުގެ މީހަކު ފެންނާނެ "އަސްލު" ސޫރައިގަ އެވެ. އާމިރުގެ ބޮލާއި ތުނބުޅި ހުރީ ވަރަށް ނުރަކޮށެވެ.

އިރާ އާއި ނުޕޫރްގެ އެންގޭޖްމަންޓް ހަފުލާ ހުކުރު ދުވަހު ބޭއްވި އިރު، ނުޕޫރް ޕްރޮޕޯސްކުރި ވާހަކަ އާއި އެންގޭޖްވި ވާހަކަ އިރާ، 25، އިއުލާންކުރީ ސެޕްޓެމްބަރު މަހުގެ 22 ގަ އެވެ. އިރާ އަކީ އާމިރުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. ދޮއްޓަށް ހުންނަނީ ޖުނައިދު ޚާން، 29، އެވެ.

އާމިރު މިދިޔަ އަހަރު ވަނީ ސަރޮގޭޓްކޮށްގެން ލިބުނު ދަރިފުޅު އާޒާދު ރާއޯ ޚާން، 10، ގެ މަންމަ ކިރަން ރާއޯ ވަކިވެފަ އެވެ. އާމިރާއި ކުރީގެ އަންހެނުން ރީނާ ދައްތާ ވަރިވީ 2002 ގަ އެވެ.

އިރާންގެ އެންގޭޖްމަންޓް ހަފުލާގައި ދެ ފަރާތުގެ އާއިލާ މީހުން ބައިވެރި އިރު، ހަފުލާ އިން އެންމެ އަޅައިގަތް އެކަކީ ބަތަލާ ފާތިމާ ސަނާ ޝެއިހެވެ. އާމިރާ އަކީ "ޑަންގަލް" އާއި "ތަގްސް އޮފް ހިންދުސްތާން" ގައި މަަސައްކަތްކުރި ފާތިމާ، 30، އަކީ އާމިރުގެ ލޯބިވެރިޔާ ކަމަށް އަޑު އަރާގައިވެ އެވެ. އަދި އޭނަގެ އާއިލީ އެކިއެކި ހަފުލާތަކުން ފާތިމާ ފެނުމަކީ ވަރަށް އާންމު ކަމެކެވެ.

އިރާގެ ހަފުލާގައި އާމިރަށް ބޮޑުބޭބެ ކިޔާ އިމްރާން ޚާން ވެސް ބައިވެރިވި އެވެ. އޭނަ އަކީ މިހާރު ބޮލީވުޑުން ގެއްލިފައިވާ އެކްޓަރެކެވެ.