Last Updated: July 28, 10:12
Tuesday, July 28, 2026
މުނިފޫހިފިލުވުން

ނޯރާ އުޅެނީ ބުޝަންއާ ރައްޓެހިވެގެން؟

ބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތުހާއި މަޝްހޫރު މިއުޒިކް/ފިލްމު ކުންފުނި ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރު ރައްޓެހިވެގެން އުޅޭ ކަމަށް ތުހުމަތުކޮށްފި އެވެ.

ޓްވިޓާގައި އުމައިރު ސަންދޫ ކިޔާ މީހަކު ބުނީ އެ ދެ މީހުންގެ މެދުގައި ލޯބީގެ ކުޅިގަނޑެއް ހިނގާތާ މިހާރު ދެ އަހަރުވެފައިވާ ކަމަށާއި އެކަން ބުޝަންގެ އަންހެނުން ބަތަލާ/ޑައިރެކްޓަރު ދިވްޔާ ކޯސްލާ ކުމާރަށް ވެސް އެނގޭ ކަމަށެވެ. އަދި އެކަން ދިޔްވާ އަށް އެއްވެސް މައްސަލައަކަށް ނުވާ ކަމަށާއި އޭނަ އުޅެނީ ފައިސާއާ ހެދި ކަމަށް ބުނެފައިވެ އެވެ.

އުމައިރުގެ މި ޓްވީޓާ ގުޅިގެން އާންމުކޮށް ބޮލީވުޑްގެ މީހުންނާ "ޖައްސާލައިގެން އުޅޭ" އަދި އަމިއްލަ އަށް މޮޅު ކްރިޓިކަކަށް ހެދިގެން އުޅޭ އެކްޓަރު ކޭއާރްކޭ ނުވަތަ ކަމަލް އާރް ޚާން ކުރި ޓްވީޓެއްގައި ބުނީ ގަދަރުވެރި މީހުންނާ ބެހޭ ގޮތުން އެފަދަ ވާހަކަތައް ދައްކަން ނުވާނެ ކަމަށެވެ.

ނޯރާ، 30، އަކީ މިހާތަނަށް ޓީ ސީރީޒުން އެތައް ފުރުސަތެއް ލިބިފައިވާ ފަންނާކެވެ. އޭނަ ބޮލީވުޑްގައި ވިދާލީ ވެސް ޓީ ސީރީޒްގެ ފިލްމުތަކުގައި ކުޅުނު އައިޓަމް ލަވަތަކާއި އެ ކުންފުނީގެ މިއުޒިކް ވީޑިއޯ ލަވަތަކުންނެވެ. ނޯރާ އިންޑަސްޓްރީ ތެރެއިން މިހާތަނަށް ރައްޓެހިވެފައި ވަނީ ބަތަލާ ނޭހާ ދޫޕިއާގެ ފިރިމީހާ އެކްޓަރު އަންގަދު ބޭދީއާ އެވެ. އެކަމަކު އެއީ ނޭހާ އަންގަދުގެ ކައިވެނީގެ ކުރިންނެވެ.

ބުޝަން، 44، އާއި ދިވްޔާ، 35، ކައިވެނިކުރީ 2005 ގަ އެވެ. އެ ދެ މީހުންގެ 11 އަހަރުގެ ފިރިހެން ދަރިއަކު ވެސް އެބަހުއްޓެވެ.

ބުޝަން އަކީ 2018 ގައި ބޮލީވުޑްގައި ޖިންސީ ފުރައްސާރައިގެ މަައްސަލަތައް ތިލަވެ، ހޫނުވަމުން އައި ދުވަސްވަރު އެފަދަ ތުހުމަތުތަކެއް ކުރެވުނު މީހެކެވެ. އެކަމަކު އެފަދަ އެއްވެސް ކަމެއް މިހާތަނަށް ސާބިތުވެފައެއް ނެތެވެ.