ދާދިފަހުން ސަލާމަތީ ބާރުތަކުން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ބަންދު މުއްދަތު ޖަހައިފިއެވެ.
ޓެރަރިޒަމާއި ދެކޮޅަށް އޮޕަރޭޝަން ކުރިއަށްގެންދިޔައީ މާލެ، އައްޑޫ އަދި ކ.ގުރައިދޫގައެވެ. މި އޮޕަރޭޝަނުގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފައިވާއިރު މި އެންމެންނަކީ ވެސް އައްޑޫ އަށް ނިސްބަތްވާ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 14 މީހުންގެ ތެރެއިން 18 އަހަރުގެ، 33 އަހަރުގެ ގެ ދެ މީހުން، 35 އަހަރު އަދި 46 އަހަރުގެ މީހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރި 19 އަހަރު، 27 އަހަރުގެ ދެ މީހުން އަދި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.
އަދި 20 އަހަރު، 27 އަހަރު، 30 އަހަރު، 35 އަހަރު އަދި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މީގެކުރިން ފުލުހުން ބުނެފައިވަނީ މި ހަމަލާ ދޭން އުޅުނީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތަށް ތާއީދު ކުރާ ބައެއް ކަމަށެވެ. އެގޮތުން މި މީހުން ރާވަމުން ދިޔައީ ގޮވާ ތަކެތި ބޭނުންކޮށްގެން ރާއްޖޭގެ ތަންތަނަށް ހަމަލާދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.