Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

މެޗު ޕްރިވިއު: ގަތަރު-އިކުއެޑޯ

ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ ގަތަރާއި އާއި އިކުއެޑޯ ބައްދަލުކުރާއިރު، މިއީ ގަތަރުން ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިއީ އިކުއެޑޯ އިން ވާދަކުރާ ހަތަރުވަނަ ވޯލްޑް ކަޕް ކަމަށްވާއިރު މުބާރާތުގެ ފުރަތަމަ މެޗަކީ މި ދެ ޓީމަށް ވެސް އެކި ގޮތްގޮތުން ހާއްސަ މެޗެކެވެ.

ސްޕެއިނަށް އުފަން ފެލިކްސް ސަންޗޭޒްގެ އިރުޝާދުގެ ދަށުން ކުޅެ 2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ކާމިޔާބުކޮށްފައިވާ ގަތަރުން އާންމުކޮށް ކުޅެނީ 2-3-5 ފޯމޭޝަނަށް ކަމަށްވާއިރު އެޓީމުން ވޯލްޑް ކަޕަށް ނަގާފައިވަނީ މުޅިން ވެސް ގަތަރުގައި ކުޅޭ ކުޅުންތެރިންނެވެ.

އިކުއެޑޯ އިން ފާއިތުވި މެޗުތަކުގައި ތަފާތު ތިން ފޯމޭޝަނެއް ޓެސްޓުކޮށްފައިވާއިރު އެޓީމުގެ އެންމެ ވަރުގަދަ ޑިޕާޓްމެންޓަކީ މެދުތެރެ އެވެ. އެގޮތުން މިފަހަރުގެ ވޯލްޑް ކަޕުން އެންމެ ބޮޑަށް ވިދާލާނެ ކަމަށް ބެލެވޭ އެއް ކުޅުންތެރިއަކީ ޕްރިމިއާ ލީގުގެ ބްރައިޓަން އަށް ކުޅެމުން އަންނަ މިޑްފީލްޑަރު، މޮއިސެސް ކައިސޭޑޯ އެވެ.

ގަތަރު

މިއީ ގަތަރުން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އަލަށް ވާދަކުރާ ޓީމަކަށް މުބާރާތުގެ ފުރަތަމަ މެޗު އެންމެފަހުން ކާމިޔާބު ކުރެވިފައިވަނީ 2002 ވަނަ އަހަރު އެވެ. އެފަހަރު ފްރާންސްގެ މައްޗަށް 1-0 އިން ކުރި ހޯދީ ވޯލްޑް ކަޕްގައި އަލަށް ވާދަކުރި ސެނެގާލުންނެވެ.

މިރޭ ރަނގަޅު ނަތީޖާއެއް ނެރުމަށް ގަތަރާއި އެއްކޮޅަށް ވެސް ތާރީހު ބުރަވެ އެވެ. އެގޮތުން ވޯލްޑް ކަޕް ބާއްވާ ގައުމެއް މިހާތަނަށް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި ނުވުމަކީ ގަތަރަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އަދި ވޯލްޑް ކަޕް ބާއްވާ ކޮންމެ ގައުމަކުން ވެސް މިހާތަނަށް މަދުވެގެން މުބާރާތުގެ އެއް މެޗު ކާމިޔާބުކޮށްފައިވެ އެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ކުޅޭ އަލް ބައިތް ސްޓޭޑިއަމަކީ ވެސް ގަތަރަށް ހާއްސަ ސްޓޭޑިއަމެކެވެ. އެގޮތުން މި ސްޓޭޑިއަމްގައި ކުޅުނު ތިން މެޗުން ވެސް ގަތަރު ވަނީ މޮޅުވެފަ އެވެ.

އިކުއެޑޯ

މިއީ އިކުއެޑޯ ވާދަކުރާ ހަތަރުވަނަ ވޯލްޑް ކަޕް ކަމަށްވާއިރު އެޓީމަށް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު އެންމެފަހުން ކާމިޔާބު ކުރެވުނީ 2006 ވަނަ އަހަރު އެވެ. އެފަހަރު ޕޮލެންޑްގެ މައްޗަށް އިކުއެޑޯ އިން ކުރި ހޯދީ 2-0 އިންނެވެ. އެއީ އިކުއެޑޯ އަށް މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވުނު ފުރަތަމަ ފަހަރުވެސް މެ އެވެ.

އިކުއެޑޯ އަކީ މިފަހަރު ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ޓީމުތަކުގެ ތެރެއިން ކޮލިފައިންގައި އެންމެ ގިނަ އަދަދަކަށް ކުޅުންތެރިން ބޭނުންކުރި ޓީމެވެ. އެގޮތުން ކޮލިފައިންގެ 18 މެޗުގައި އިކުއެޑޯ އިން ވަނީ ޖުމްލަ 48 ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

އާޖެންޓީނާ އަށް އުފަން ގުސްޓާވޯ އަލްފަރޯގެ އިރުޝާދުގެ ދަށުން ކުޅެ އިކުއެޑޯ އެންމެފަހުން ކުޅުނު ފަނަރަ މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި އަށް މެޗު ނިމިފައިވަނީ އެއްވަރުވެގެން ކަމަށްވާއިރު ޖެހިޖެހިގެން ހަ މެޗުގައި އެޓީމުން ވަނީ ކްލީންޝީޓް ހޯދާފަ އެވެ. މިއީ އިކުއެޑޯގެ ގައުމީ ރެކޯޑެއް ވެސް މެ އެވެ.

މި ދެ ޓީމުގެ ކުރިމަތިލުންތައް

ގަތަރާއި އިކުއެޑޯ އިން މީގެކުރިން ވަނީ ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެ ތިން މެޗަކީ ވެސް އެކުވެރިކަމުގެ ތިން މެޗެވެ. އެ ތިން މެޗުގެ ތެރެއިން ދެ ޓީމުން ވެސް މޮޅެއް ހޯދާފައިވާއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި ދެ ޓީމުގެ އެންމެފަހުގެ ކުރިމަތިލުން ކާމިޔާބުކުރީ ގަތަރުންނެވެ. އެ މެޗު ގަތަރުން ކާމިޔާބުކުރީ 4-3 އިން ކަމަށްވާއިރު މިއީ ދެކުނު އެމެރިކާގެ ޓީމެއް އަތުން ގަތަރު ހޯދި ދެވަނަ މޮޅެވެ. ގަތަރުން ވަނީ ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް ޖުމްލަ ފަނަރަ މެޗު ކުޅެފަ އެވެ. އޭގެތެރެއިން 8 މެޗުން އެޓީމު ބަލިވިއިރު އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ގަތަރާއި އިކުއެޑޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.