Last Updated: April 23, 16:26
Tuesday, April 23, 2024
ޚަބަރު

ގަތަރުގެ އަމީރަށް ރައީސްގެ ތަހުނިޔާ

ގަތަރުގެ އަމީރާ އެކީ ރައީސް.

މިރޭ ގަތަރުގައި ފަށާ ވޯލްޑް ކަޕް ފެށުމުގެ މުނާސަބަތުގައި އެ ގައުމުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައި އެވެ.

ގަތަރުގެ އަމީރަށް ރައީސް ފޮނުއްވި ސިޓީގައި އެ މަނިކުފާނު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި މި މުބާރާތް ދެމިއޮންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި، ގަތަރުގެ މުއްސަނދި ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހިތްގައިމު ހުޅުވުމުގެ ރަސްމިއްޔާތައް ރާއްޖެ އާއި މުޅި ދުނިޔެ ވެސް އިންތިޒާރުކުރާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކު ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ސިޓީގައި މި ފަހަރުގެ ވޯލްޑް ކަޕް މުސްލިމް ގައުމެއްގައި ބާއްވާތީ އެކަމާ އުފާކުރައްވާ ކަމަށާއި، ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ޤަތަރުގެ ސަރުކާރަށް ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކާ ހިކްމަތްތެރިކަމާ އެކީ ކުރިމަތިލާތަން ފެނުމަކީ އެކަމުން ހިތްވަރުލިބޭ ކަމެއް ވެސް ކަމަށް ވިދާޅުވި އެވެ.

ވޯލްޑް ކަޕް ކުރިއަށް ދާނީ އަންނަ މަހުގެ 18 އާ ހަމައަށެވެ.