Last Updated: July 28, 10:12
Tuesday, July 28, 2026
މުނިފޫހިފިލުވުން

"ގޯވިންދާ ނާމް މޭރާ" ބޮޑު ހާޖާނުގަނޑަކަށް

އަންނަ މަހު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އާ ފިލްމު "ގޯވިންދާ މޭރާ ނާމް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޝިޝާންކް ކައިތާން ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "ގޯވިންދާ ނާމް މޭރާ" ގެ ލީޑް ކާސްޓުންނަކީ ވިކީ ކޯޝަލާއި ކިއާރާ އަދުވާނީގެ އިތުރުން ބޫމީ ޕިޑްނޭކަރެވެ. ފިލްމުގައި ބޫމީ އަކީ ވިކީގެ އަންހެނުންނެވެ. ކިއާރާ އަކީ ލޯބިވެރިޔާ އެވެ. ދެން މީގެ ވާހަކަ އެނބުރޭނީ މި ތިން މީހުންގެ ތެރޭގައި އެނބުރޭ ހާޖާނުގަނޑާއި އެކަމުގެ ސަބަބުން ދިމާވާ ހެއްވާ މަޖާ ކަންތައްތަކުގެ ވަށައިގެންނެވެ.

އެހެންވީމާ ޓްރެއިލާ ބަލާލަމާ ހިނގާށެވެ. ޔަގީނުން ވެސް މިއީ ބެލުންތެރިން ހެއްވައިލަދޭނެ ފިލްމެކެވެ.

"ގޯވިންދާ ނާމް މޭރާ" އަކީ ދަރުމާ އިން މި އަހަރު ގެނެސްދޭ ފަސް ވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ "ބުރައްމަސްތުރާ" އެވެ. އޭގެ ކުރިން ރިލީޒްކުރި ފިލްމުތަކުގެ ތެރޭގައި ވިޖޭ ދެވަރަކޮންޑާގެ "ލައިގާ" އާއި ވަރުން ދަވަންގެ "ޖުގް ޖުގް ޖިއޯ" އަދި ދީޕިކާ ޕަދްކޯންގެ "ގެހަރާއިޔާ" ހިމެނެ އެވެ.

އަންނަ މަހުގެ 16 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމާފައިވާ "ގޯވިންދާ ނާމް މޭރާ" ގެ ޑައިރެކްޓަރު ކުރިން ގެނެސްދިން ފިލްމުތަކަކީ "ދަޅަކް" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" އާއި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އެވެ. ޝިޝާންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ކަޕޫރް ބޮލީވުޑަށް ނެރޭ "ބޭދަޅަކް" އާއި ޓައިގާ ޝްރޮފްގެ "ސްކްރޫދީލާ" ހިމެނެ އެވެ.