Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ހަނިމާދޫ އެއަޕޯޓް އިންޓަނެޝަނަލް ކުރުމުގައި ސިފައިން އެހީތެރި ވަނީ

ހދ. ހަނިމާދޫ އެއަޕޯޓް އިންޓަނޭޝަނަލް ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ އިން އެހީތެރިވާން ފަށައިފި އެވެ.

މިގޮތުން އެއަޕޯޓްގެ ރަންވޭ ވަށާ ފެންސް ޖެހުމުގެ މަސައްކަތާއި، ފެންސް ޖަހަން ޖެހޭ ސަރަޙައްދުގެ ވަލުތެރޭގެ ގަސްތައް ކޮށައި މުޅި ސަރަޙައްދު ސާފުކޮށް ރަންވޭން ފެށިގެން ކްލިއަރެންސް ބޭނުންވާ 500 މީޓަރު އޭރިއާއެއް އެއްކޮށް މިހާރު ވަނީ ސާފުކޮށް ނިންމާލައިފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހަނިމާދޫ އެއަޕޯޓްގެ ރަންވޭގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން 1،500 މީޓަރު ދިގު މިނުގެ ބޮޑު ސަރަޙައްދެއްގައި ފެންސް ޖެހުމުގެ މަސައްކަތް ކުރަމުންދާ އިރު، ފެންސް ދަނގަޑުތައް ވެލްޑިން ކުރުމާއި ފެންސްގެ ބުޑު ހެދުމަށްޓަކައި ދެ ފޫޓްގެ އުސްމިނުގައި 500 މީޓަރުގެ ކޮންކްރީޓް ފާރު ބުރިއެއް ރޭނުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ގައުމީ ދިފާއީ ބާރުން ބުނީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކޮންކްރީޓްގެ މަސައްކަތް އެއްކޮށް ނިންމަައި، ދާ ޖެހުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ސިފައިން ކުރަމުންދާ މި މަސައްކަތުގައި އެއަޕޯޓް ކޮމްޕެނީގެ މުވައްޒަފުންނާއި އައިލެންޑް އެކްސްޕާޓްގެ އެއްބާރުލުން ލިބެމުންދާ ކަމަށް އެމްއެންޑީއެފް ނޮދަން އޭރިއާ އިން ބުންޏެވެ.