Last Updated: June 6, 22:41
Saturday, June 6, 2026

މަރާމާތަށް ފަހު "ކުރަނގި" ގެނެސްފި

އެމްއެންޑީއެފް ސަދަން އޭރިއާގެ އެއާ ވިންގުގައި ބޭސްކޮށްފައި އޮންނަ ހެލިކޮޕްޓަރު "ކުރަނގި" މަރާމާތަށް އިންޑިއާ އަށް ގެންދިއުމަށް ފަހު، އަލުން އައްޑު އަށް ގެނެސްފި އެވެ.

އިންޑިއާ އިން ހަދިޔާކޮށްފައިވާ އެ ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާ އަށް ގެންދިޔައީ އޮކްޓޯބަރު 20، 2013 ގަ އެވެ.

"ކުރަނގި" ހެލިކޮޕްޓަރު މަރާމާތަށް ގެންދިއުމުގެ ސަބަބުން އޮޕަރޭޝަން ޙާލަތްތަކުގައި ބޭނުން ކުރާނެ އިތުރު ހެލިކޮޕްޓަރެއް އިންޑިޔާ އިން ރާއްޖެ ގެނަ އެވެ.

އިންޑިޔާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި "ކުރަނގި" ރަސްމީކޮށް ދިވެހި ސިފައިންނާ ޙަވާލުކޮށް ޚިދުމަތަށް ނެރުނީ އޭޕްރީލް، 21، 2010 ގަ އެވެ.

މި ހެލިކޮޕްޓަރު ޚިދުމަތަށް ނެރުނު ފަހުން، ރާއްޖޭގެ އެކި ރަށްރަށުގައި ބަލިޙާލު ބޮޑުވާ މީހުން ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް ގެންދިއުމުގައި މުހިންމު ދަޢުރެއް އަދާކޮށްފައިވެ އެވެ.