Last Updated: June 9, 09:41
Tuesday, June 9, 2026
ޚަބަރު

އޭޝިއާގެ އެންމެ ބޮޑު ޑައިވް އެކްސްޕޯ ރާއްޖެ އަށް

އެޑެކްސް އެކްޕޯގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އޭޝިއާ ބައްރުގެ އެންމެ ބޮޑު ޑައިވް އެކްސްޕޯގެ ރާއްޖޭގެ ފުރަތަމަ އެޑިޝަން އަންނަ އަހަރު ބާއްވާ ގޮތަށް ނިންމައިފިއެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނީ މި އެކްސްޕޯ ކުރިއަށް ދާނީ އަންނަ އަހަރު މާރިޗު މަހުގެ ތެރޭގައި ކަމަށެވެ. އަދި އެކްސްޕޯ ކުރިއަށް ދާނީ 8 ވަނަ މެރީން އެކްސްޕޯއާއި ވެސް އެކުގައި ކަމަށް ބޯޓިން އެސޯސިއޭޝަނުން ހާމަކުރެއެވެ. އެކްސްޕޯ އޮންނަނީ މާރިޗު 15 އިން 18 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

"އޭޝިއާ ޑައިވް އެކްސްޕޯ" ނުވަތަ އަކީ ޑައިވް ކުރުމުގެ ދައިރާގައި އެންމެ ބޮޑު އެއް އެކްސްޕޯއެވެ. މިއެކްސްޕޯ ސިންގަޕޫރުގައި ބާއްވާތާ 27 އަހަރު ވެފައިވާއިރު، މީގެ ކުރީން ފިލިޕީންސް މެލޭޝިއާ އަދި އިންޑިއާގައިވެސް ވަނީ ބާއްވާފައެވެ. ނަމަވެސް މިއީ ރާއްޖޭގައި މި އެކްސްޕޯ ބާއްވާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި އެކްސްޕޯ ބޭއްވުމަށް އެއްބަސްވުމުގައި ސޮއިކުރީ މީޑިއަމް ޕްރައިވެޓް ލިމިޓެޑްއެވެ. އަދި އެޑެކްސް އިންތިޒާމު ކުރާ ޔޫ.ޑަބްލިއު-360 ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޖޯން ތެޓްއެވެ.

މެރީން އެކްސްޕޯގެ ތެރޭއިން ޑައިވް އެކްސްޕޯ ކުރިއަށް ގެންދާއިރު، މެރިން އެކްސްޕޯ އަކީ ރާއްޖޭގެ ބޯޓިން ސިނާޢަތުގެ އެކި ދާއިރާތަށް ހިމަނައިގެން ބާއްވަމުންދާ އެކްސްޕޯއެކެވެ. މިއީ ބޯޓިންގެ އެކި އާލަތްތަކާއި އަދި ސިނާޢަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތައް އެއްތަނަކަށް ގެނައުމަށް މުހިންމު ޕްލެޓްފޯމެކެވެ.