Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ބެންޒެމާގެ ބަދަލުގައި ފްރާންސަށް ކުޅުންތެރިއަކު ނުނަގާނެ

އަނިޔާގެ ސަބަބުން ފްރާންސްގެ ވޯލްޑް ކަޕް ސްކޮޑުން ބާކީ ކުރަން ޖެހުނު އިތުބާރު ފޯވާޑް، ކަރީމް ބެންޒެމާގެ ބަދަލުގައި ކުޅުންތެރިއަކު ނުނަގަން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ނިންމައިފި އެވެ.

ބެންޒެމާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ ފްރާންސުން އިއްޔެ ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އެގޮތުން އެ އަނިޔާއާ ގުޅިގެން ބެންޒެމާ ތިން ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށް ފްރާންސްގެ ފުޓްބޯޅަ އިދާރާ އިން ބުނެ އެވެ.

ބެންޒެމާގެ ބަދަލުގައި ސްކޮޑަށް ކުޅުންތެރިއަކު ނެގުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ފްރާންސަށް އޮތް ނަމަވެސް ފްރާންސްގެ ކޯޗު ޑެޝޯމްޕް މިއަދު ބުނީ ބެންޒެމާގެ ބަދަލުގައި ސްކޮޑަށް ކުޅުންތެރިއަކު ނުނަގަނާނެ ކަމަށެވެ. ނަމަވެސް އެ ނިންމުން ނިންމި ސަބަބެއް ޑެޝޯމްޕް ބުނެފައެއް ނުވެ އެވެ.

ފްރާންސްގެ ސްކޮޑުގައި މިވަގުތު ހަތް އެޓޭކިން ކުޅުންތެރިން ތިބިއިރު ޑެޝޯމްޕް ވަނީ އެއީ ރަނގަޅު އަދަދެއް ކަމަށް ބުނެފަ އެވެ.

ބެންޒެމާ އަކީ ފްރާންސްގެ ސްކޮޑަށް ނެގިފަހުން އަނިޔާގެ ސަބަބުން ބާކީ ކުރަން ޖެހުނު ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެކުރިން އަނިޔާގެ ސަބަބުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ޕްރެސްނަލް ކިމްޕެމްބޭ އާއި އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގް، ކްރިސްޓޮފާ އެންކުންކޫ ވެސް ވަނީ ސްކޮޑުން ބާކީކޮށްފަ އެވެ.

ފްރާންސަކީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާއިރު އަނިޔާގެ ހިޔަނި އެޓީމަށް ވަނީ ވަރަށް ބޮޑަށް އެޅިފަ އެވެ. އެގޮތުން މިފަހަރުގެ ވޯލްޑް ކަޕުން ފްރާންސްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އެންގޯލޯ ކަންޓޭ އަދި ޕޯލް ޕޮގްބާ ވެސް ނުފެންނާނެ އެވެ.

ވޯލްޑް ކަޕްގައި ފްރާންސް މިފަހަރު ލައްވާލާފައިވަނީ އޮސްޓްރޭލިއާ، ޑެންމާކް އަދި ޓިއުނީޝިޔާއާއެކު ގްރޫޕް ޑީ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ފްރާންސް ބައްދަލުކުރާނީ އޮސްޓްރޭލިޔާއާ އެވެ.