Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

ގަތަރު އަތުން އިކުއެޑޯ އަށް ފަސޭހަ މޮޅެއް

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ 2-0 އިން ގަތަރު ބަލިކުރުމަށްފަހު މުބާރާތުގެ ފުރަތަމަ މެޗު އިކުއެޑޯ އިން ކާމިޔާބުކޮށްފި އެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް މުބާރާތް ބާއްވާ ގައުމު ކުޅުނު ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ފަަހަރެވެ. އަދި މިއީ 2006 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން އިކުއެޑޯ ހޯދި ފުރަތަމަ މޮޅެވެ.

ގަތަރުގެ އަލް ބައިތް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ އިކުއެޑޯ އިން ކަމަށްވާއިރު މެޗުގެ ފަސްވަނަ މިނެޓްގައި އެޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ މެދުވެރިކޮށް ބެލުމަށްފަހު ރެފްރީ ވަނީ އިކުއެޑޯގެ ކެޕްޓަން އެނަ ވެލެންސިއާ ޖެހި ގޯލް ކެންސަލްކޮށްފަ އެވެ.

މި ގޯލް ކެންސަލް ކުރި ނަމަވެސް މެޗުގެ 15 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ވެލެންސިއާ ވަނީ އިކުއެޑޯ އަށް ލީޑު ނަގާދީފަ އެވެ. މި ޕެނަލްޓީ އިކުއެޑޯ އަށް ލިބިފައިވަނީ ވެލެންސިއާ އަށް ގަތަރުގެ ކީޕަރު އަލް ޝީބް ކުރި ފައުލަކާ ގުޅިގެންނެވެ.

މި ގޯލަށްފަހު ވެސް އިކުއެޑޯ އިން ދިޔައީ ގަތަރުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 31 ވަނަ މިނެޓްގައި ވެލެންސިއާ ވަނީ އިކުއެޑޯގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ޕްރިސިއާޑޯ ނަގައިދިން ހުރަހަކުން ވެލެންސިއާ މި ގޯލް ކާމިޔާބުކުރީ ގަތަރުގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި އިކުއެޑޯ އަށް ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 55 ވަނަ މިނެޓްގައި އެޓީމުގެ އިބާރާ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގަތަރުގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

ގަތަރުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް އިކުއެޑޯގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ގަތަރުން ބައްދަލުކުރާނީ ސެނެގާލްއާ އެވެ. އަދި އިކުއެޑޯ ނިކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.