Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

މެޗު ޕްރިވިއު: އިންގްލެންޑް-އިރާން

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީ ގައި ހިމެނޭ އިންގްލެންޑް އާއި އިރާން މިރޭ ބައްދަލުކުރާ އިރު މި މެޗު ވެގެންދާނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމަށެވެ. އިނގިރޭސިންނާއި އިރާނަކީ ސިޔާސީ ދެ ހަތަރުން ކަމަށްވާއިރު ރަނގަޅު ފެށުމަކުން މުބާރާތް ފަށަން ދެ ޓީމުން ވެސް ތިބީ ތައްޔާރަށެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ހަތަރުވަނަ ހޯދި އަދި އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކުރި އިންގްލެންޑުން މި މެޗާ ކުރިމަތިލާއިރު އެޓީމުގެ ކޯޗު ގެރެތް ސައުތްގޭޓަށް އޮތް ޕްރެޝަރު ކިތަންމެހާ ވެސް ބޮޑެވެ. އެގޮތުން ނޭޝަންސް ލީގު އަދި އެކުވެރިކަމުގެ މެޗުތަކުގައި އިންގްލެންޑުން ދެއްކި ކުޅުމާއި ނެރުނު ނަތީޖާތަކާއެކު ސައުތްގޭޓަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އިންގްލެންޑުން އެންމެފަހުން ކުޅުނު ހަ މެޗުން ވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެ އެވެ.

އިރާނުން މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލަނީ ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ކާލޯސް ކުއިރޯޒްގެ އިރުޝާދުގެ ދަށުންނެވެ. ކުއިރޯޒް އަކީ 2011-2019 އާއި ހަމައަށް ވެސް އިރާނަށް ކޯޗުކަން ކޮށްދީފައިވާ ފަރާތެކެވެ. އިރާނަކީ ވޯލްޑް ކަޕްގައި މާ ކާމިޔާބު ޓީމަކަށް ނުވި ނަމަވެސް ވޯލްޑް ކަޕްގެ ކުރިން އެޓީމުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފަ އެވެ.

އިންގްލެންޑް

މިއީ އިންގްލެންޑުން ވޯލްޑް ކަޕްގައި ވާދަކުރާ 16 ވަނަ ފަހަރެވެ. އަދި މިއީ އެޓީމުން ޖެހިޖެހިގެން ވާދަކުރާ ހަތްވަނަ ވޯލްޑް ކަޕެވެ. އިންގްލެންޑަށް އެންމެފަހުން ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައިވަނީ 1966 ވަނަ އަހަރު އެވެ.

މިރޭގެ މެޗަށް އިންގްލެންޑް ނިކުންނައިރު އަނިޔާގެ މައްސަލަތަކެއް އެޓީމަށް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން މިރޭގެ މެޗަށް އިންގްލެންޑްގެ ފުލްބެކް ކައިލް ވޯކާ ފިޓްވެފައި ނުވާއިރު މިޑްފީލްޑަރު، ޖޭމްސް މެޑިސަން އެންމެފަހުން އިންގްލެންޑުން ބޭއްވި ތިން ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފައެއް ނުވެ އެވެ.

އިންގްލެންޑްގެ އެޓޭކްގައި ހުނަރުވެރި ކުޅުންތެރިންތަކެއް ތިބިއިރު އެންމެފަހުން އެޓީމުން ވޯލްޑް ކަޕްގައި ޖެހި 18 ގޯލުގެ ތެރެއިން 12 ގޯލަކީ ސެޓްޕީސްތަކުން ޖެހި ގޯލެވެ. އެގޮތުން މި މުބާރާތުގައި ވެސް އިންގްލެންޑުގެ ވަރުގަދަ ހަތިޔާރަކަށް ސެޓްޕީސްތައް ވުން އެކަށީގެންވެ އެވެ.

އިރާން

މިފަހަރުގެ ވޯލްޑް ކަޕަކީ އޭޝިއާގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ އިރާނުން ވާދަކުރާ ހަވަނަ ވޯލްޑް ކަޕެވެ. ނަމަވެސް އިރާނަށް ފާއިތުވި ފަސް މުބާރާތުގައި ވެސް ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވިފައި ނުވާއިރު އެޓީމަށް ވޯލްޑް ކަޕްގައި ހޯދިފައިވަނީ އެންމެ ދެ މޮޅެވެ.

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން އިރާންގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އޮމިޑް އިބްރާހިމީ އަށް ނުކުޅެވޭނެ އެވެ. ނަމަވެސް އަނިޔާ އިން ރަނގަޅުވެ މި މެޗަށް ޖަރުމަނުގެ ބަޔާ ލެވަކޫސަނަށް ކުޅޭ އިރާންގެ ފޯވާޑް ސަރްދާރް އަޒްމޫން ވަނީ ފިޓްވެފަ އެވެ.

އިރާނަކީ އާންމުކޮށް 3-3-4 ފޯމޭޝަނަށް ކުޅޭ ޓީމަކަށްވާއިރު އެޓީމުގެ ކުރީގައި ހަރަކާތްތެރިވާ މެހްދީ ތަރޭމީ އަކީ އިންގްލެންޑުގެ ޑިފެންސްލައިނުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކުޅުންތެރިއެކެވެ. އެގޮތުން ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅެމުން އަންނަ ތަރޭމީ ވަނީ މި ސީޒަނުގައި ކުޅުނު 19 މެޗުގައި 13 ގޯލް ކާމިޔާބުކޮށްފަ އެވެ.

މި ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މި ދެ ޓީމުން ބައްދަލުކުރާ ފުރަތަމަ މެޗެވެ.

ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅޭ އިންގްލެންޑް އާއި އިރާން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 6 ޖަހާއިރު އެވެ.