Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

ރަން ބޫޓަށް ވުރެ މުހިއްމީ ވޯލްޑް ކަޕް

ވޯލްޑް ކަޕްގެ އެންމެ ގިނަ ގޯލްޖަހާ ކުޅުންތެރިޔާއަށްދޭ ރަން ބޫޓަށް ވުރެ އޭނާ އަށް މުހިއްމީ ވޯލްޑް ކަޕް ކާމިޔާބު ކުރުން ކަމަށް އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ރަން ބޫޓް ހާސިލުކުރީ ކޭން ކަމަށްވާއިރު އިންގްލެންޑްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއާގެ ރެކޯޑު މުގުރާލުމާ ގާތަށް ވެސް ކޭން ވަނީ ޖެހިލާފަ އެވެ. އެގޮތުން އެ ރެކޯޑް މިވަގުތު އޮތީ 53 ގޯލް ކާމިޔާބުކުރި ވޭން ރޫނީގެ އަތުގަ އެވެ. އެ ރެކޯޑާ އަރާ ހަމަކުރަން ކޭން އަށް ބޭނުންވަނީ ދެ ގޯލެވެ.

ވޯލްޑް ކަޕްގައި މިރޭ އިންގްލެންޑުން އިރާންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޭން ބުނީ ވޯލްޑް ކަޕްގެ ރަން ބޫޓު ހާސިލުކުރުމަކީ ބޮޑު ކާމިޔާބެއް ކަމަށާއި ނަމަވެސް އޭނާ ހާސިލުކުރަން ބޭނުންވާ އަމިއްލަ އަމާޒުތަކަށް ވުރެ ބޮޑަށް އިސްކަންދޭނީ ޓީމަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތް ކުރަން ކަމަށެވެ.

"އެއީ ގޯލެއް ކާމިޔާބުކޮށްގެން ވިޔަސް ނުވަތަ ގޯލެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީގެން ނުވަތަ ޑިފެންސްކޮށްގެން ވިޔަސް މޮޅުވާން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން މިހުރީ ތައްޔާރަށް." ކޭން ބުންޏެވެ.

ކޭން ބުނީ ރަން ބޫޓު ފަދަ ކާމިޔާބީތަކާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި ހުރިހާ ވިސްނުމެއް ވެސް ހުރީ މުބާރާތް ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި އެއީ ހާސިލުކުރަން ފަސޭހަ ކަމެއް ނޫން ކަމަށްވީ ނަމަވެސް އެކަން ހާސިލުކުރަން ޓީމުން ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެ ކަމަށްވެސް ކޭން ބުންޏެވެ.

ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅޭ އިންގްލެންޑް އާއި އިރާން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 6 ޖަހާއިރު އެވެ.