ފީފާ ވޯލްޑް ކަޕްގައި އިންގްލޭންޑާއި ދެކޮޅަށް މިރޭ ކުޅޭ މެޗަކީ އިރާންގެ ކުޅުންތެރިންނަށް ހުވަފެނީ މެޗެއް ކަމަށް އެޓީމުގެ ކޯޗު ކާލޯސް ކުއިރޯޒް ބުނެފި އެވެ.
ގްރޫޕް ބީގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރާ މެޗަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. ނަމަވެސް ކުއިރޯޒް އަށް އިންގްލެންޑްގެ ފުޓްބޯޅަ މުޅިން އަލެއް ނޫނެވެ. އެގޮތުން އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް ސަރ އެލެކްސް ފާގަސަން ހުރިއިރު އެޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
ކުއިރޯޒް އޭނާގެ އަމިއްލަ ކޯޗިން ކެރިއަރު ފެށީ 2008 ވަނަ އަހަރު އެވެ.
މި ރޭގެ މެޗުގެ ކުރިން ކުއިރޯޒް ބުނީ މިއީ އިންގްލޭންޑްގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެން ލިބޭ ފުރަތަމަ ފަހަރު ކަމަށާއި އަދި އިރާންގެ ގިނަ ކުޅުންތެރިންނަށް އިންގްލެންޑާއި ދެކޮޅަށް ކުޅުމަކީ ހުވަފެނީ ކަމެއް ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ފުޓްބޯޅަ ކަލެންޑަރު އޮންނަ ގޮތުން އިންގްލެންޑް ފަދަ ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތު އިރާންގެ ކުޅުންތެރިންނަށް ނުލިބޭ ކަމަށް ކުއިރޯޒް ބުންޏެވެ.
"އިރާންގެ ކުޅުންތެރިން ކުޑައިރުއްސުރެ ޓީވީތަކުން ބަލަމުން އަންނަނީ އިނގިރޭސި ފުޓްބޯޅަ. މިއީ ލިބޭ ފަހުރެއް އަދި ވަރަށް ޝައުގުވެރިވެފައި މިތިބީ މި މެޗަށް." ޕޯޗުގަލަށް އުފަން ކޯޗު ބުންޏެވެ.
އިންގްލެންޑް ޓީމަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުން ކުއިރޯޒް ބުނީ މިފަހަރުގެ ވޯލްޑް ކަޕަށް އިންގްލެންޑުން ނެރެފައިވާ ޓީމަކީ 1966 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި އިންގްލެންޑް ޓީމަށް ފަހު މިހާތަނަށް އިންގްލެންޑުން ނެރުނު އެންމެ ވާދަވެރި ޓީމު ކަމަށް ގަބޫލުކުރާ ކަމަށެވެ.
އިނގިރޭސި ބައެއް ތަރިން ކަމަށްވާ ރިއޯ ފާޑިނޭންޑް، ޑޭވިޑް ބެކަމް މެންފަދަ ކުޅުންތެރިންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނުކަން ފާހަގަކުރަމުން ކުއިރޯޒް ވަނީ މިފަހަރުގެ އިންގްލެންޑް ޓީމަކީ ތަފާތު އަދި ނުރައްކާތެރި ޓީމެއް ކަމަށްވެސް ބުނެފަ އެވެ.
އިންގްލެންޑް އާއި އިރާނުގެ އިތުރުން ދެން ގްރޫޕް ބީ ގައި ހިމެނެނީ ވޭލްސް އާއި އެމެރިކާ އެވެ.