Last Updated: April 24, 12:00
Wednesday, April 24, 2024
ކުޅިވަރު

ވޯލްޑް ކަޕުން މާނޭ ނުފެނުމަކީ ދެރައެއް

ވޯލްޑް ކަޕުން ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ ނެފުނުމަކީ މުޅި ފުޓްބޯޅަ އާއިލާއަށް ލިބުނު ދެރައެއް ކަމަށް ސެނެގާލްގެ ކޯޗު އަލިއޫ ސިސޭ ބުނެފި އެވެ.

ވޯލްޑް ކަޕް ސެނެގާލުން ނެގި ސްކޮޑުގައި މާނޭ ހިމެނި ނަމަވެސް އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާ މުޅިން ރަނގަޅު ނުވާތީ ފަހުން ވަނީ ސްކޮޑުން ބާކީކޮށްފަ އެވެ. އެ އަނިޔާއާ ގުޅިގެން މާނޭ ދާދިފަހުން އޮޕަރޭޝަނެއް ކޮށްފައިވާއިރު ކުޅުމުގެ ތެރެއަށް އޭނާ އަށް އެނބުރި ދެން އާދެވޭނީ ގިނަ ދުވަސްތަކަކަށްފަހު އެވެ.

ވޯލްޑް ކަޕްގައި މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް ސެނެގާލުން ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސިސޭ ބުނީ ވޯލްޑް ކަޕްގައި މާނޭ ނެތުމަކީ ސެނެގާލްގެ ރައްޔިތުންގެ އިތުރުން މުޅި ފުޓްބޯޅަ އާއިލާ އަށް ވެސް ލިބުނު ދެރައެއް ކަމަށެވެ.

"ސެނެގާލްގެ އިތުރުން މާނޭ އަކީ މުޅި އެފްރިކާ ބައްރު ތަމްސީލުކުރާ ކުޅުންތެރިއެއް." ސިސޭ ބުންޏެވެ.

މާނޭ އަކީ މުޅި އެފްރިކާ ބައްރު ތަމްސީލުކުރާ ކުޅުންތެރިއެއް ކަމަށާއި އެގޮތުން މާނޭ އަށް ވޯލްޑް ކަޕްގައި ނުކުޅޭވޭތީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާ އަށް ފޯނު ކޯލުތައް ލިބުނު ކަމަށްވެސް ސިސޭ ބުންޏެވެ. މާނޭ ނެތް ނަމަވެސް ސެނެގާލްގައި އަދިވެސް ވަރުގަދަ ޓީމެއް އެބައޮތް ކަމަށާއި ޓީމުގައި ތިބި ތަޖުރިބާކާރު އަދި ޒުވާން ކުޅުންތެރިން ތިބީ މުބާރާތާއި ކުރިމަތިލާން ތައްޔާރަށް ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

އަނިޔާގެ ސަބަބުން މާނޭ އަށް މުބާރާތް ގެއްލިފައިވާއިރު އަނިޔާގެ ސަބަބުން މި މެޗުގައި ސެނެގާލްގެ އަބޫ ޑިއާލޯ އަށް ވެސް ނުކުޅެވޭނެ އެވެ.

ސެނެގާލް އާއި ނެދަލޭންޑްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.