Last Updated: March 29, 18:55
Friday, March 29, 2024
ކުޅިވަރު

އެމެރިކާ އަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެ

އެމެރިކާ އަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެ ކަމަށް އެޓީމުގެ ކޯޗު ގްރެގް ބެހެލްޓާ ބުނެފި އެވެ.

އެންމެފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް އެމެރިކާ ކޮލިފައިވެފައި ނުވާއިރު މިފަހަރު އެޓީމު ލައްވާލާފައިވަނީ އިންގްލެންޑާއި އިރާން އަދި ވޭލްސްއާއެކު އެއް ގްރޫޕެއްގަ އެވެ.

މިރޭ ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ބެހެލްޓާ ބުނީ އެމެރިކާގެ އެންމެ ބަރާބަރު ދުވަހު އެޓީމަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެ ކަމަށާއި ޓީމުން މުބާރާތުގެ ކޮންމެ މެޗަކާއި ވެސް ކުރިމަތިލާނީ އެ ވިސްނުމުގައި ތިބެގެން ކަމަށެވެ.

"އެކަމަކު އޭގެ މާނައެއް ނޫން އަހަރުމެންނަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިދާނެއޭ." ކޯޗު ބުންޏެވެ.

ބެހެލްޓާ ބުނީ އެމެރިކާގެ ފުރަތަމަ އަމާޒަކީ ގްރޫޕް ސްޓޭޖް ފަހަނައަޅާދިޔުން ކަމަށާއި ދެވަނަ އަމާޒަކީ ދެވަނަ ބުރުގައި ވީ އެންމެ ރަނގަޅު ކުޅުމެއް ދެއްކުން ކަމަށެވެ. ވޯލްޑް ކަޕްގައި ކުޅުމަކީ ލިބޭ ޝަރަފެއް ކަަމަށާއި ނަމަވެސް މުބާރާތަށް އައީ ހަމައެކަނި ބައިވެރިވުމުގެ މަގުސަދުގައި ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

"އަހަރުމެން ބޭނުން ރަނގަޅު ކުޅުމެއް ވެސް މެޗުތަކުގައި ދައްކަން. އެކަމަށް ހުރިހާ ކުޅުންތެރިންގެ ވެސް ފޯކަސް ހުރީ." އޭނާ ބުންޏެވެ.

އެމެރިކާ އިން ވޯލްޑް ކަޕަށް މިފަހަރު ނެރެފައިވަނީ މިހާތަނަށް ވޯލްޑް ކަޕަކަށް އެޓީމުން ނެރުނު އެންމެ ހުނަރުވެރި ޓީމެވެ. އެގޮތުން އެޓީމުގައި ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ކުޅުންތެރިން ވެސް ހިމެނެ އެވެ.

އެމެރިކާ އާއި ވޭލްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.