Last Updated: July 28, 10:12
Tuesday, July 28, 2026
މުނިފޫހިފިލުވުން

އެންމެ ބޮޑު އިންސްޕިރޭޝަނަކީ އަކްޝޭ: ވިކީ

އެކްޓަރަކަށް ވާން ބޭނުންވީ އަކްޝޭ ކުމާރުގެ ފިލްމުތައް ބަލައިގެން ކަމަށާއި އެހެންވެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ ވެސް އަކްޝޭ ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލް ބުނެފި އެވެ.

އަންނަ މަހު ރިލީޒްކުރާ އޭނަގެ އާ ފިލްކު "ގޯވިންދާ ނާމް މޭރާ" ގެ ޓްރެއިލާ ލޯންޗްކުރަން އިއްޔެ ބޭއްވި ހަފުލާގައި މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފްގެ ފިރިމީހާ ބުނީ އަކްޝޭގެ 1999 ގެ "އިންޓަނޭޝަނަލް ކިލާޅީ" އަކީ ވަރަށް ގިނައިން ބެލުނު ފިލްމެއް ކަމަށެވެ.

"އަހަރެން ބޮޑުވަމުން އައިސް ދުވަސްވަރަކީ އަކްޝޭގެ ކިލާޅީ ފްރެންޗައިޒްގެ ފިލްމުތައް ވަރަށް ގިނައިން ޓީވީ ޗެނަލްތަކުން ވެސް ދައްކަމުން އައި ދުވަސްވަރެއް. އެހެންވެ އެ ދުވަސްވަރު އިންޓަނޭޝަނަލް ކިލާޅީ ފަދަ ފިލްމުތައް ވަރަށް ގިނައިން ބެލުނު،" ވިކީ، 34، ބުންޏެވެ. "އެ ދުވަސްވަރު އަކްޝޭ އާއި ގޯވިންދާ އަދި ޝާހްރުކް ފަދަ ތަރިންގެ ފިލްމުތަކަށް ވަރަށް ބޮޑަށް ސަމާލުކަމެއް ދެވުނު."

އޭނާ ބުނި ގޮތުގައި ސިނަމާއަކަށް ގޮސް އެންމެ ފުރަތަމަ ބެލި ފިލްމަކީ ޝާހްރުކް ޚާނާއި ކާޖޮލްގެ 1995 ގެ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީއެލްޖޭ) އެވެ. އެ ފިލްމު ރިލީޒްކުރި އިރު، ވިކީ އަށް އެންމެ 7 އަހަރެވެ. އޭނަ ބުނި ގޮތުގައި 90 ގެ ފިލްމުތަކަކީ އެކްޓަރަކަށްވުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އުފެދެމުން އައި ދުވަސްވަރެކެވެ.

"އޭރު ވެސް ހިތަށް އަރާ އަހެރެން ބޭނުމޭ އެ ސްޓައިލްގެ ފިލްމުތައް ކުޅެން. ނަސީބު ދިމާކުރި ގޮތުން އެކްޓަރަކަށްވެވިއްޖެ. އަދި ގޯވިންދާ ނާމް މޭރާ އަކީ އަހަރެން އެންމެ ގަޔާވި ކަހަލަ ސްޓައިލްގެ ފިލްމެއް،" ވިކީ ބުންޏެވެ. "ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން ފިލްމުގެ ޑައިރެކްޓަރު ޝިޝާންކް ކައިތާނަށް މި ފިލްމު ކުޅެން އަހަންނަށް ފުރުސަތު ދިނީތީ."

ކޮމެޑީ ތުރިލާއެއްގެ ގޮތުގައި އަންނަ މަހުގެ 16 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ގޯވިންދާ ނާމް މޭރާ" ގެ ބަތަލާއިންނަކީ ކިއާރާ އަދުވާނީ އާއި ބޫމީ ޕިޑްނޭކަރެވެ.

ވިކީ އަކީ 2019 ގެ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އިން މޮޅު ބަތަލުގެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ތަރިއެކެވެ. އޭނަގެ އެކްޓިން ކެރިއަރު ސަޕޯޓިން ރޯލްތަކުން ފަށައި، ގިނަ ބައެއްގެ ސަމާލުކަން ވިކީ އަށް ލިބުނީ 2015 ގެ "މަސާން" އާ އެކީގަ އެވެ. މިހާރު ވިކީ އަކީ ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ކާމިޔާބު އެކެކެވެ.