Last Updated: June 14, 23:25
Sunday, June 14, 2026
ޚަބަރު

ހައި ކޯޓްގެ އިތުރު ފަނޑިޔާރަކު ރިޓަޔާކުރައްވަނީ

ހައި ކޯޓްގެ އިސް ފަނޑިޔާރު ރިޓަޔާކުރައްވާފައި ވަނިކޮށް އެ ކޯޓްގެ އިތުރު ފަނޑިޔާރަކު ވެސް ރިޓަޔާކުރައްވަން ނިންމަވައިފި އެވެ.

އެ ފަނޑިޔާރަކީ ހައި ކޯޓްގައި 11 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އޭނާ މާދަމާ އިން ފެށިގެން ރިޓަޔާކުރައްވާތީ ކޮށް ދެއްވި ހިދުމަތްތަތަކަށް ހައި ކޯޓުން ޝުކުރު ވެސް އަދާކޮށްފައިވެ އެވެ. ގދ. ހޯނޑެއްދު އަށް އުފަން ޝުއައިބު އެ ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ މާޗް 26، 2011 ގަ އެވެ.

ޝުއައިބަކީ ގާނޫނާއި ޝަރީއަތުގެ ރޮނގުން 1997 ގައި ގަތަރު ޔުނިވާސިޓީން ފުރަތަމަ ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2006 ވަނަ އަހަރު މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ވެސް ހައްދަވާފައިވެ އެވެ.

ޝުއައިބް ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރު ކަމާއި ހާއްސަ ގާޒީ ކަމާއި އާއިލާއާ ބެހޭ ކޯޓުގެ ގާޒީ ކަމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީކަން ހިމެނެ އެވެ. އަދި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރެއްވި އެވެ.

އޭނާ މަގާމުން ރިޓަޔާކުރައްވަން ނިންމެވި އިރު، އިންޑިއާގައި ގެންދަވަނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުންނެވެ.

ހައި ކޯޓްގައި 11 ފަނޑިޔާރުން ހިމެނުނު ނަމަވެސް އެ އަދަދަށް ފަނޑިޔާރުން ހަމަނުވާތީ، ފަނޑިޔާރުން ހޯދަން ވެސް އިއުލާންކޮށްފައިވެ އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ މިދިޔަ ހަފުތާގައި ރިޓަޔާކުރެއްވުމާ ގުޅިގެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހިންގަވަނީ ފަނޑިޔާރު ހުސެއިން ޝަހުދީ އެވެ.