ރާއްޖެ ބަންގުރޫޓުވާ ވާހަކައަކީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކައެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފޮރިން ކަރަންސީ ރަޒާވް ދައްކަމަށް ވިދާޅުވެ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވުގައި އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ ނެތީސް އެހެން ގޮތަކަށް މެންބަރު އެވާހަކަ ދެއްކުމަކީ ރައްޔިތުންނަށް އޮޅުވާލެވޭ އޮޅުވާލުމެއް ކަމަށް ވިދާޅުވެފައެވެ.
ނަޝީދު މިގޮތަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ފިނޭންސް މިނިސްޓަރ އަމީރު މިވަނީ މިވާހަކަތަކަށް ނުސީދާކޮށް ރައްދުދެއްވާފައެވެ. އެގޮތުން މިނިސްޓަރ އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެ ބަނގްރޫޓުވާ ވާހަކައަކީ ބަޔަކު އަލަށް ދައްކާ ވާހަކައެއް ނޫން ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމަށް ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށާއި، ސަރުކާރުން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ކިލަނބުކޮށްލައި ފަނޑުކޮށްލުމަށް ދައްކާ ވާހަކަތަކެއް ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ، 2020 ވަނަ އަހަރު ކުރިމަތިލި ކޯވިޑުގެ ހާލަތަކީ މިއަދަށް ވުރެ ގޮންޖެހުން ބޮޑު ހާލަތެއް ކަމަށެވެ. އަދި ރައީސް ސާލިހުގެ މާލިމީ ކަމުގެ ދަށުގައި އެގޮންޖެހުންތަކުން އަރައިގަނެވުނު ކަމަށާއި، އަދިވެސް ބުނަމުންދަނީ ގޮންޖެހުންތައް ހުރި ވާހަކަ ކަމަށް އަމީރު ވިދާޅުވިއެވެ. މިގޮތުން އެއްވެސް ކަމެއް ސަރުކާރުން ފޮރުވަން ނޫޅޭކަން ފާހަގަކޮށް އަމީރު ވިދާޅުވީ، ތަފާސް ހިސާބުތައް ހުރީ ފެންނަން ކަމަށެވެ.
އަމީރު ވިދާޅުވި ގޮތުގައި ދަތިތަކާއި ގޮންޖެހުންތަކާއި އެކުވެސް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް މި ދަނޑިވަޅުގައި އިޤްތިސާދާއިމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަވެރިކަމެއް ކަމަށް ވިދާޅުވިއެވެ.
ދައުލަތުގެ ރިޒާވް ދައްވެގެން ދިއުމާއި ގުޅިގެން އެމްޑީޕީ ތެރެއިންވެސް އަދި އިދިކޮޅުންވެސް އެކަން ދަނީ ފާހަގަ ކުރަމުންނެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތަކައް ބަލާއިރު މިދިޔަ އަހަރު އޮކްޓޯބަރު މަހު ދައުލަތުގެ ރިޒާވް ހުރީ 947 މިލިއަން ޑޮލަރުގައެވެ. ނަމަވެސް މިއަހަރު އޮކްޓޯބަރު މަހު ރިޒާވް ވަނީ 499 މިލިއަން ޑޮލަރަށް ވެއްޓިފައެވެ.