Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ރެއިންބޯ ބޭންޑް ނާޅަން ޓީމުތަކުން ނިންމައިފި

ވޯލްޑް ކަޕްގައި ޔޫރަޕްގެ ހަތް ޓީމަކުން ބޭނުން ކުރުމަށް ހަމަޖެއްސި "ވަންލަވް" ރެއިންބޯ ކެޕްޓަން ބޭންޑް ނާޅަން އެންމެފަހުން އެޓީމުތަކުން ނިންމައިފި އެވެ.

މި ކެޕްޓަން ބޭންޑް ޔޫރަޕްގެ ބައެއް ގައުމުތަކުން އެޅުމަށް ނިންމީ ވޯލްޑް ކަޕްގެ މަސައްކަތުގައި އުޅޭ ގިނަ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ކަށަވަރު ނުކޮށްދޭތީ އާއި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކާއި މެދު ގަތަރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ޓީމުތަކުން އަމިއްލަ އަށް ޑިޒައިންކޮށްފައިވާ އާމްބޭންޑް ވޯލްޑް ކަޕްގައި އެޅުމަކީ ފީފާގެ ގަވާއިދު ތަންދޭ ކަމެއް ނޫނެވެ. އެކަން ކުރުމަށް ފީފާ އިން ހާއްސަ ހުއްދައެއް ނަގަންޖެހެ އެވެ.

ބޭންޑް އަޅަން ނިންމި ހަތް ޓީމަކީ އިންގްލެންޑް، ވޭލްސް، ބެލްޖިއަމް، ޑެންމާކް، ނެދަލޭންޑްސް، ޖަރުމަނު އަދި ސްވިޒަލޭންޑެވެ.

އެ ހަތް ޓީމު ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުން ނިންމީ ބޭންޑް އަޅައިގެން ކުޅެފިނަމަ ކުޅުންތެރިންނަށް ރީނދޫ ކާޑު ނުވަތަ ދަނޑުން ފޮނުވާލުމުގެ ފުރުސަތު އޮތަތީ އެ ރިސްކު ނަގަން ބޭނުން ނުވާ ކަމަށެވެ.

މި ބޭންޑް އެޅުމަށް ހުއްދަ އަށް އެދި މިދިޔަ ސެޕްޓެމްބަރުގައި ފީފާގައި އެދުނު ކަމަށާއި ނަމަވެސް ފީފާ އިން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށްވެސް އެޓީމުތަކުން ބުނެ އެވެ. ފީފާ އިން މިކަމުގައި އަމަލުކުރި ގޮތާއި މެދު މި ޓީމުތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.