ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީ ގައި ހިމެނޭ ނެދަލޭންޑްސް އަކީ ގްރޫޕްގެ ފެވަރިޓުން ކަމަށްވާއިރު ސެނެގާލް މި މުބާރާތާއި ކުރިމަތިލަނީ އިތުބާރާއެކު، 2002 އަހަރުގެ ވޯލްޑް ކަޕްގައި ނެރުނު ފަދަ ކާމިޔާބު ނަތީޖާއެއް ނެރުމުގެ އުއްމީދުގަ އެވެ.
ނެދަލޭންޑްސް އެންމެފަހުން ބޭއްވި ވޯލްޑް ކަޕަށް އަދި އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ވެސް ކޮލިފައިވެފައެއް ނުވެ އެވެ. ނަމަވެސް އެޓީމުން ވަނީ 2014 އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ. ނެދަލޭންޑްސް ޓީމުގެ ކޯޗެއްގެ ގޮތުގައި މިހާރުވެސް ހުރީ އެޓީމު ސެމީ އަށް ގެންގޮސްދިން ތަޖުރިބާކާރު ކޯޗު، ލުއިސް ވެންހާލް އެވެ.
ހުނަރުން ފުރިގެންވާ ސްކޮޑަކާއެކު ނެދަލޭންޑްސް މި މުބާރާތާއި ކުރިމަތިލާއިރު އޮތީ ވެސް ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން އެޓީމު އެންމެފަހުން ކުޅުނު ހަ މެޗުން ވެސް ބަލިވެފައެއް ނުވެ އެވެ. އޭގެތެރެއިން ފަސް މެޗުން ނެދަލޭންޑްސް ވަނީ މޮޅުވެފަ އެވެ.
އެފްރިކާގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ސެނެގާލަށް ވޯލްޑް ކަޕް ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ އެޓީމުގެ އިތުބާރު ފޯވާޑް ސަޑިއޯ މާނޭ އަނިޔާގެ ސަބަބުން މުބާރާތުގައި ކުޅެވޭ ގޮތް ނުވުމެވެ. ނަމަވެސް ސެނެގާލްގައި އަދިވެސް ހުނަރުވެރި ކުޅުންތެރިން ތިބިއިރު އެޓީމަކީ ޑިފެންސިވް ސިސްޓަމަކަށް ކުޅޭ ޓީމެކެވެ. އެގޮތުން އެންމެފަހުން ކުޅުނު އަށް މެޗުގައި ސެނެގާލުން ހަ ކްލީންޝީޓް ހޯދާފަ އެވެ.
ނެދަލޭންޑްސް
މިއީ ނެދަލޭންޑްސް އިން ވޯލްޑް ކަޕްގައި ވާދަކުރާ 11 ވަނަ ފަހަރެވެ. ނެދަލޭންޑްސް އަކީ ވޯލްޑް ކަޕްގެ ފައިނަލްގައި ތިން ފަހަރު ކުޅެ މުބާރާތް ކާމިޔާބު ކުރެވިފައި ނުވާ ހަމައެކަނި ޓީމެވެ.
ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު 14 މެޗުގެ ތެރެއިން އެންމެ މެޗަކުން ބަލިވެފައިވާ ނެދަލޭންޑްސް އިން މިހާތަނަށް ވަނީ ވޯލްޑް ކަޕްގައި އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ހަތަރު މެޗު ކުޅެފަ އެވެ. އޭގެތެރެއިން ތިން މެޗުން ނެދަލޭންޑްސް މޮޅުވިއިރު އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިރޭ ސެނެގާލްއާ ދެކޮޅަށް ނިކުންނައިރު އަނިޔާގެ ސަބަބުން އެޓީމުގެ މެމްފިސް ޑެޕާއި އަށް މި މެޗުގައި ނުކުޅެވޭނެ އެވެ. ޑެޕާއި ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި 12 ގޯލް ކާމިޔާބުކޮށްފަ އެވެ. އަދި އެޓީމުގެ ފުލްބެކް ޑެންޒެލް ޑަމްފްރީސް އާއި މިޑްފީލްޑަރު މާޓިން ޑެ ރޫން އަށް ވެސް މި މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.
ސެނެގާލް
މިއީ ސެނެގާލުން ވޯލްޑް ކަޕްގައި ވާދަކުރާ ތިންވަނަ ފަހަރެވެ. ސެނެގާލް އަކީ ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު އެފްރިކާގެ ތިން ޓީމުގެ ތެރެއިން އެއް ޓީމެވެ. އެގޮތުން ސެނެގާލް ވަނީ 2002 އަހަރު މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފަ އެވެ. މި ނަތީޖާ ދެން ނެރުނު އަނެއް ދެ ޓީމަކީ ކެމަރޫން އާއި ގާނާ އެވެ.
ސެނެގާލަށް ވޯލްޑް ކަޕްގައި މިހާތަނަށް ހޯދިފައިވަނީ ޖުމްލަ ތިން މޮޅެވެ. އެ ތިން މޮޅު ވެސް އެޓީމުން ހޯދާފައިވަނީ ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ކުޅެގެންކަން ފާހަގަކޮށްލެވެ އެވެ.
ސެނެގާލަކީ ރަނގަޅަށް ޑިފެންސިވް ކުރާ ޓީމެއް ކަމަށްވީ ނަމަވެސް މާނޭ ނެތުމުން އެޓީމުގެ އެޓޭކް ވަނީ ބަލިކަށިވެފަ އެވެ. އެގޮތުން މާނޭގެ ބަދަލުގައި އަރާނެ ކަމަށް ބެލެވެނީ ކްރެޕިން ޑިއާޓާ ނޫނީ ބަމްބާ ޑިއެންގް އެވެ. އަނިޔާގެ ސަބަބުން މި މެޗުގައި އަޑޫ ޑިއާލޯ އަށް ނުކުޅެވޭނެ އެވެ.
މި ދެ ޓީމުގެ ކުރިމަތިލުންތައް
މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މި ދެ ޓީމުން ބައްދަލުކުރާ ފުރަތަމަ މެޗެވެ.
ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅޭ އިންގްލެންޑް އާއި އިރާން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.