ފީފާ ވޯލްޑް ކަޕްގައި މިރޭ އިރާންއާ ދެކޮޅަށް ކުޅުނު 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިންގްލެންޑް ކާމިޔާބުކޮށްފި އެވެ.
މިއީ އިންގްލެންޑުން ވޯލްޑް ކަޕްގެ މެޗެއްގައި ހަ ގޯލް ޖެހި ދެވަނަ ފަހަރެވެ. އެޓީމުން ވަނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ޕެނެމާ ކޮޅަށް ވެސް ހަ ގޯލް ޖަހާފަ އެވެ.
ގްރޫޕް ބީ ގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗު ޑޮމިނޭޓްކޮށްގެން އިންގްލެންޑުން ކުޅުނުއިރު އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 35 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންގްހަމް އެވެ. ލޫކް ޝޯ ނަގައިދިން ހުރަހަކުން މި ގޯލް ބެލިންގްހަމް ކާމިޔާބުކުރީ އިރާންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންގްލެންޑުން ވަނީ އިތުރު ދެ ގޯލް ކާމިޔާބުކޮށްފަ އެވެ. އެގޮތުން އިރާންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުން އިންގްލޭންޑްގެ ދެވަނަ ގޯލް ބުކާޔޯ ސަކާ ކާމިޔާބުކޮށްދިން އިރު އެޓީމުގެ ތިންވަނަ ގޯލް ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ.
ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އިންގްލެންޑުން ނިންމާލިއިރު މެޗުގެ 62 ވަނަ މިނެޓްގައި އިންގްލެންޑްގެ ހަތަރުވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ ސަކާ އެވެ. އޭގެ ތިން މިނެޓްފަހުން މެހްދީ ތެރީމީ އިރާނަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް މެޗުގެ 71 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ވަނީ އިންގްލެންޑުގެ ފަސްވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ރަޝްފޯޑް މި ގޯލް ކާމިޔާބުކުރީ ބެންޗުން ކުޅެން އެރިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.
ފަސްވަނަ ގޯލަށްފަހު ވެސް އިންގްލެންޑުން ދިޔައީ އިރާންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 89 ވަނަ މިނެޓްގައި އެޓީމުގެ ހަވަނަ ގޯލް ކާމިޔާބުކޮށްދިނީ ޖެކް ގްރީލިޝް އެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުން އިރާންގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ތަރީމީ އެވެ.
ގްރޫޕްގެ ދެވަނަ މެޗުގައި އިންގްލެންޑް ބައްދަލުކުރާނީ އެމެރިކާއާ އެވެ. އިރާން ނިކުންނާނީ ވޭލްސްއާ ދެކޮޅަށެވެ.