Last Updated: July 17, 15:06
Friday, July 17, 2026
ކުޅިވަރު

މެޗު ޕްރިވިއު: އެމެރިކާ-ވޭލްސް

އެންމެފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް އެމެރިކާ އާއި ވޭލްސް ކޮލިފައިވެފައި ނުވާއިރު މިއީ 1958 ވަނަ އަހަރަށްފަހު ވޭލްސް އިން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ފުޓްބޯޅައިގެ މާ ގަދަ ބާރަކަށް އެމެރިކާ ނުވި ނަމަވެސް ދުނިޔޭގައި މިހާރު އެންމެ ބާރަށް ފުޓްބޯޅަ ކުރިއަރަމުން އަންނަ އެއް ގައުމަކީ އެމެރިކާ އެވެ. އެގޮތުން ޔޫރަޕްގެ ނަން މަޝްހޫރު ކްލަބުތަކުގައި އެމެރިކާގެ ކުޅުންތެރިން އަންނަނީ ކުޅެމުންނެވެ.

ހުނަރުވެރި ސްކޮޑަކާއެކު އެމެރިކާ އިން ވޯލްޑް ކަޕަށް ކުރިމަތިލާއިރު އެޓީމުގެ ކޯޗު ގްރެގް ގްރެގް ބެހެލްޓާ އަށް އޮތް ޕްރެޝަރު ވަރަށް ބޮޑެވެ. އެގޮތުން ވޯލްޑް ކަޕްގެ ކުރިން އެމެރިކާ އިން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. އަދި ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. މެޗުތަކުން މޮޅުނުވުމުގެ އިތުރުން ވޯލްޑް ކަޕަށް އެމެރިކާ އިން ނެގި ސްކޮޑުން ޒުވާން ފޯވާޑް ރިކާޑޯ ޕެޕީ ބާކީ ކުރުމަކީ ވެސް ބެހެލްޓާ އަށް ފާޑުކިޔުން އަމާޒުވި އެއް ސަބަބެވެ.

ރެއާލް މެޑްރިޑަށް ކުރިން ކުޅުނު އަދި މިހާރު އެމެރިކާ ލީގުގެ ލޮސް އެންޖެލްސް އެފްސީ (އެލްއޭ އެފްސީ) އަށް ކުޅެމުން އަންނަ ގެރެތް ބޭލްއާއެކު ވޯލްޑް ކަޕާއި ވޭލްސް އިން ކުރިމަތިލާއިރު އެޓީމުން ވަނީ އެންމެފަހުން ކުޅުނު ބޮޑު ދެ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ ގޮސްފަ އެވެ. އެއީ އެންމެފަހުން ބޭއްވި ޔޫރޯގެ ދެ މުބާރާތެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ވޭލްސް މިރޭ ނިކުންނައިރު އެޓީމު މިވަގުތު އޮތީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެގޮތުން އެންމެފަހުން ވޭލްސް އިން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅެއް ހޯދުނީ އެންމެ މެޗަކުންނެވެ. އަދި ހަތަރު މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.

އެމެރިކާ

މިއީ އެމެރިކާ އިން ވޯލްޑް ކަޕްގައި ކުޅޭ 10 ވަނަ ފަހަރެވެ. އެޓީމަށް މިހާތަނަށް ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުވީ 1930 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތުގެ ސެމީފައިނަލަށް އެމެރިކާ ވަނީ ދަތުރުކޮށްފަ އެވެ. އޭގެފަހުން އެމެރިކާ އަށް މުބާރާތުގެ އެންމެ ދުރަށް ދަތުރުކުރެވުނީ 2002 އަހަރު އެވެ. އެއީ މުބާރާތުގެ ކުއާޓާފައިނަލާ ހިސާބަށެވެ.

އެމެރިކާ މިފަހަރު ލައްވާލާފައިވާ ގްރޫޕްގައި ޔޫރަޕްގެ ދެ ޓީމު ހިމެނޭއިރު އެޓީމަށް މިހާތަނަށް ޔޫރަޕްގެ ޓީމެއް ބަލިކުރެވިފައެއް ނުވެ އެވެ. އެގޮތުން އެމެރިކާ އިން ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް 9 މެޗު ކުޅެފައިވެ އެވެ.

ވޭލްސްއާ ދެކޮޅަށް ނިކުންނައިރު އެމެރިކާ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ މިޑްފީލްޑަރު ވެސްޓަން މެކެނީ އާއި ފުލްބެކް ސާޖީނޯ ޑެސްޓްގެ ފިޓްނެސް މައްސަލަތަކެއް އުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވޭލްސް

ވޭލްސް އަކީ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ކުޅުމަށްފަހު ދެވަނަ ފަހަރަށް މުބާރާތަށް ކޮލިފައިވާން އެންމެ ގިނަ އަހަރު ނެގި ޓީމެވެ. ވޭލްސްގައި މިހާރު އޮތީ އެގައުމުގެ "ގޯލްޑެން ޖެނެރޭޝަން" ކަމަށްވާއިރު އެޓީމުން ގިނަ އަހަރުތަކަކަށްފަހު ކުޅުނު ފުޓްބޯޅައިގެ ބޮޑު މުބާރާތަކީ 2016 ވަނަ އަހަރުގެ ޔޫރޯ އެވެ. ވޭލްސް އިން ވަނީ އެފަހަރު ގިނަ ބަޔަކު ހައިރާންކޮށްލައި މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި އެންމެފަހުން ބޭއްވި ޔޫރޯގައި ވެސް ވޭލްސް ކުޅެފައިވެ އެވެ.

އެންމެފަހުން ކުޅުނު ހަ މެޗުގައި ވޭލްސް އަށް ރަނގަޅު ނަތީޖާތަކެއް ނެރެވެފައި ނުވި ނަމަވެސް ވޯލްޑް ކަޕް ކޮލިފައިންގައި އެޓީމުން ދެއްކީ ތަފާތު މޮޅު ކުޅުމެކެވެ. އެގޮތުން ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން ބަލިވި ނަމަވެސް ދެން ޖެހިގެން ކުޅުނު ހަތް މެޗުން އެޓީމު ބަލިވެފައެއް ނުވެ އެވެ.

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ވޭލްސް ޓީމުން ނުކުޅެވޭ ހަމައެކަނި ކުޅުންތެރިއަކީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯ އެލެން އެވެ. ވޭލްސްގެ ދެން އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އާރޮން ރަމްސީ އަދި ބޭލް ވަނީ ފިޓްވެފަ އެވެ.

މި ދެ ޓީމުގެ ކުރިމަތިލުންތައް

ވޭލްސް އާއި އެމެރިކާ މީގެކުރިން ވަނީ އެކުވެރިކަމުގެ މެޗެއްގައި ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެގޮތުން 2003 އަހަރު ކުޅުނު މެޗު 2-0 އިން އެމެރިކާ ކާމިޔާބު ކުރިއިރު މީގެ ދެ އަހަރު ކުރިން މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ގަތަރުގެ އަލް ރައްޔާން ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.