Last Updated: October 4, 22:10
Wednesday, October 4, 2023
ދުނިޔެ

ބިންހެލުމެއްގައި އިންޑޮނީޝިއާ އިން 162 މަރު

އިންޑޮނީޝިއާ އަށް އައި ބިންހެލުމެއްގައި 162 މީހުން މަރުވެއްޖެ އެވެ.

އިންޑޮނީޝިއާގެ ސިއަންޖުރް އަވަށަށް 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި 162 މީހުން މަރުވުމުގެ އިތުރުން 300 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

މި ބިންހެލުމުގައި ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ. އޭގެތެރޭގައި އެ އަވަށުގައި ހުރި އިސްލާމިކް ބޯޑިން ސްކޫލަކާއި، ހޮސްޕިޓަލެއްގެ އިތުރުން ގިނަ އަދަދެއްގެ އެހެނިގެން ފެސިލިޓީސްތައް ހިމެނެ އެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން އަންނަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ބިންހެލުމާ ގުޅިގެން އެ އަވަށުގެ ބައެއް ހޮސްޕިޓަލްތަކުން ކަރަންޓް ގޮސްފައިވާއިރު އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި ވެސް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

އިންޑޮނީޝިއާގެ އޮފިޝަލުން ބުނާގޮތުން ބިންހެލުމާ ގުޅިގެން 13،000 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.