Last Updated: July 17, 15:06
Friday, July 17, 2026
ކުޅިވަރު

ނެދަލޭންޑްސް އިން ސެނެގާލް ބަލިކޮށްފި

ފީފާ ވޯލްޑް ކަޕްގައި މިރޭ ސެނެގާލްގެ މައްޗަށް 2-0 އިން ނެދަލޭންޑްސް އިން ކުރި ހޯދައިފި އެވެ.

މިރޭގެ މެޗާއެކު ގްރޫޕް އޭ ގައި ކޮންމެ ޓީމަކުން ވެސް މިހާރު ވަނީ އެއް މެޗު ކުޅެފަ އެވެ. އެގޮތުން ނެދަލޭންޑްސް އާއި އިކުއެޑޯ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ސެނެގާލް އާއި ގަތަރަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑިޔޮންގް އަށެވެ. ސެނެގާލްގެ ޕެނަލްޓީއޭރިއާ ތެރެއިން ޑިޔޮންގް އަށް ހުހަށް ބޯޅަ ލިބުނު ނަމަވެސް މާބޮޑަށް ކޮށްޓަން އުޅެން ހަދައިގެން ފުރުސަތުގެ ބޭނުން ވަނީ ހިފޭ ގޮތް ނުވެފަ އެވެ.

މި ހާފުގައި ސެނެގާލް ޓީމުން އެންމެ ބޮޑަށް ވިދާލީ އެޓީމުގެ ފޯވާޑް އިސްމާއިލާ ސާ އެވެ. އެގޮތުން ނެދަލޭންޑްސްގެެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަން އޭނާ މަސައްކަތް ކުރި ނަމަވެސް މި ހާފުގައި ނެދަލޭންޑްސްގެ ކީޕަރު ޓެސްޓުކޮށްލެވޭ ގޮތް ވަނީ ނުވެފަ އެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ސެނެގާލުން ވަނީ ނެދަލޭންޑްސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެގޮތުން އެޓީމުގެ ޑިއާ ފޮނުވާލި ހަމަލާ އާއި އިދްރީސާ ގާނާ ގޭއި ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ނެދަލޭންޑްސްގެ ގޯލްކީޕަރު ނޮޕާޓް އެވެ.

ސެނެގާލުން މި ހާފުގައި ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކަމުންދިޔަ ނަމަވެސް އެޓީމުގެ ޑިފެންސް ފޫއަޅުވާލީ މެޗުގެ 84 ވަނަ މިނެޓްގައި ނެދަލޭންޑްސްގެ ޒުވާން ފޯވާޑް ކޯޑީ ގަކްޕޯ އެވެ. ގަކްޕޯގެ މި ގޯލަކީ ސެނެގާލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ޑިޔޮންގް ހުރަސްކޮށްލި ރީތި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނެދަލޭންޑްސްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ޑެވީ ކްލާސަން އެވެ. ކްލާސަން މި ގޯލް ކާމިޔާބުކުރީ ނެދެލޭންޑްސްގެ މެމްފިސް ޑެޕާއި ފޮނުވާލި ހަމަލާއެއް ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ ދިފާއުކުރުމުން ބޯޅަ ބޭރަށް ނިކުތް ވަގުތު ގޯލަށް ފޮނުވާލައިގެންނެވެ.

ގްރޫޕްގެ ދެވަނަ މެޗުގައި ނެދަލޭންޑްސް ނިކުންނާނީ އިކުއެޑޯއާ ދެކޮޅަށެވެ. ސެނެގާލް ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރާ އެވެ.