Last Updated: June 9, 09:41
Tuesday, June 9, 2026
ޚަބަރު

ސްކޭމް ހިންގުމުގައި ބޭންކުގެ މުވައްޒަފުން ނުހިމެނޭ

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ބީއެމްއެލް / ފޮޓޯ: މަޖިލިސް

ސްކޭމް ހިންގުމުގައި ބީއެމްއެލްގެ މުވައްޒަފުން ހިމެނޭ ކަމަށް ދެކެވޭ ވާހަކަ ބޭންކް އޮފް މޯލްޑިވްސް އިން ދޮގުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި އޮޅުވާލައިގެން މަކަރުން ފައިސާ ހޯދުމާއި ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްއާއި ވަނީ ސުވާލުކޮށްފަ އެވެ. އެގޮތުން މިފަދަ އަމަލުތައް ހިނގާ ގޮތާއި ބޭންކުން އެފަދަ ކަމެއް ހިނގުމާއި ހިސާބުން ޢަމަލު ކުރާ ގޮތާއި ގުޅޭ ގޮތުން މެންބަރުން ވަނީ ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވާފައެވެ.

މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެމުން ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ މަރިޔަމް ހަމީދު ވިދާޅުވީ، ސްކޭމް ބޭންކަށް ރިޕޯޓު ކުރުމާއި އެކު ބޭންކުން ވަގުތުން އަޅަންޖެހޭ ފިޔަވަޅު އަޅާ ކަމަށެވެ. އެގޮތުން އެކައުންޓް ފްރީޒްކޮށް ކުރާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިފަދަ ގިނަ މައްސަލަ ތަކުގައި ފައިސާ އެކައުންޓަށް ވަނުމާއެކު އެ ފައިސާ އަނބުރާ ދޭން ބަލާއިރު ޖަމާވި އެކައުންޓުގައި ފައިސާ ނުހުންނަ ކަމަށާއި ވަގުތުން ވިތް ޑްރޯ ކުރެވޭ ކަމަށެވެ.

ސޯޝަލް މީޑިއާގައި ބޭންކާއި މެދު ކުރެވޭ ބައެއް ތުހުމަތު ތަކާއި ގުޅިގެންވެސް މެންބަރުން ވަނީ ސުވާލު ކޮށްފައެވެ. އެގޮތުން މިފަދަ ކަންކަމުގައި ބޭންކުގެ އެއްވެސް މުވައްޒަފެއްގެ ޝާމިލްވުން އޮތްތޯ މެންބަރަކު ސުވާލު ކުރެއްވުމުން ބޭންކުން ވަނީ އެފަދަ ކަމެއްގައި މިހާތަނަށް ބޭންކުގެ އެއްވެސް މުވައްޒަފަކު ޝާމިލްވެފައިވާ ކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ބުނެފައެވެ.

" ވޭތުވެދިޔަ 6 ދުވަހުގެ ޑޭޓާ ބަލާނެ، އެކައުންޓަށް ވަނުމުގެ އެކްސެސްއާއި އެއްޗިއްސަކީ ކޮންޓްރޯލްކޮށްފައި ހުންނަ އެއްޗެއް، ބަލަންޖެހޭ އުސޫލުތަކުން ބަލާފައި، އަންގަންޖެހޭ އޮތޯރިޓީސްތަކަށް އަންގާފައި ހުންނާނީ، ސްކޭމެއްގެ ކަމެއްގައި 100 ޕަސަންޓު ޔަޤީންކަން ދެން ސްޓާފެއްގެ އިންވޯލްމަންޓެއް ނެތް " މަރިޔަމް ވިދާޅުވިއެވެ.

ރާއްޖޭގައި ސްކޭމް ކޯލުތައް ޤައުމީ ބޮޑު މައްސަލައަކަށް ވެފައިވާއިރު، މިފަދަ ކަންކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް އެކި މުއައްސަސާތަކުން ދަނީ ކުރަމުންނެވެ. ބޭންކް އޮފް މޯލްޑިވްސް އިން ބުނާ ގޮތުގައި މިފަދަ ކަންކަން ކުރަނީ އެކަމުގައި ގިނަ ބަޔަކު ޝާމިލްވެ އޯގަނައިޒްޑް ކްރައިމެއް ގޮތުގައެވެ. އެހެންވެ އެއްފަހަރު ސްކޭމެއްގައި ފައިސާ ޖަމާވާ އެކައުންޓު ތަކުރާރު ނުވާކަމަށް ބޭންކުން ބުނެއެވެ.

ހޯމް މިނިސްޓްރީގެ މަސައްކަތާއި ގުޅޭ ގޮތުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިކަން ހުއްޓުމުވަށް ފުލުހުން ކުރަމުންދާ މަސައްކަތައް އަލި އަޅުއްވާލާފައެވެ. އެގޮތުން ސްކޭމް ކޯލުތައް ހުއްޓުވުމަށް 2196 މޯބައިލް ނަންބަރުގެ ޚިދުމަތް ވަނީ ކަނޑާލާފައެވެ. އަދި 817 ފޯނުގެ އައި.އެމް.އީ.އައި ވަނީ ބްލެކްލިސްޓް ކުރެވިފައެވެ. މީގެއިތުރުން 12 ވެބްސައިޓެއް ބްލޮކް ކޮށްފައިވާއިރު، 8 އައިފީ އެޑްރެސް ވަނީ ބްލޮކް ކުރެވިފައިކަމަށް ފުލުހުން ބުނެއެވެ.