މިދިޔަ ބުދަ ދުވަހުގެ ހަވީރު އަވަހާރަވި ހިތަދޫ، އެވަގްރީން، އަލްމަރްހޫމް އަލީ ލުޠުފީގެ ހަނދާނުގައި ހާއްސަ އެސެމްބްލީއެއް އައްޑޫގެ ސްކޫލްތަކުގައި ކުރިއަށް ގެންގޮސްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މި އެސެމްބްލީ އަކީ އައްޑޫގެ ތައުލީމަށް އަގުހުރި އެތައް މަސައްކަތްތަކެއް ކޮށްދެއްވި އަަދި އެ ސްކޫލަކަށްޓަކައި އައްޑޫގެ އެތައް ދަރީންނެއް ފަހްރުވެރިވާ ނޫރާނީ ސްކޫލްގެ ބާނީ އަވަހާރަ ވުމާއި ގުޅިގެން އެ ހިތާމައިގައި ސްކޫލްތަކުން ބައިވެރިވުމަށް ބޭއްވި އެސެމްބްލީއެއް ކަމަށެވެ.
އެގޮތުން އަލީ ލުޠުފީ ބިނާ ކުރެއްވި ނޫރާނީ ސްކޫލްގެ ދިދަ ވަނީ ބައި ދަނޑިއަށް ތިރި ކޮށްފައެވެ. އަދި މިއަދުން ފެށިގެން އެ ސްކޫލްގައި ތައުޒިޔާގެ ދަފްތަރެއް ވަނީ ބޭއްވިފައެވެ.
އަލީ ލުޠުފީ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިހާލުގައި އުޅުއްވުމަށްފަހު މިދިޔަ ބުދަ ދުވަހުގެ ހަވީރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. އެމަނިކުފާން އަވަހާރަވި އިރު އުމުރުފުޅަކީ 71 އަހަރެވެ. ދުނިޔޭގައި އަނބިކަބަލަކާއި 3 އަންހެން ބޭކަނބަލުންނާއި 2 ފިރިހެން ބޭކަލުން އެބަ ތިއްބެވިއެވެ.
އަލީ ލުޠުފީ އަވަހާރަވި ހަބަރު ލިބުމާއި ގުޅިގެން އެތައް ބަޔަކު ވަނީ ތައުޒިޔާ ދަންނަވާފައެވެ. އޭގެ ތެރެއިން ނޫރާނީ ސްކޫލުން ތައުލީމް އުގެނުނު ކުދިންވަނީ އަލީ ލުޠުފީއަކީ އެމީހުންގެ ދެވަނަ ބައްޕަ ކަމުގައި ވިދާޅުވެ، އަލީ ލުޠުފީގެ އަގުވަޒަން ކޮށް އެންމެ ފަހުގެ ތައުޒިޔާ ދަންނަވާފައެވެ.