ފީފާ ވޯލްޑް ކަޕްގައި މިރޭ ވޭލްސް އާއި އެމެރިކާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މިރޭގެ މެޗާއެކު ގްރޫޕް ބީ ގައި ކޮންމެ ޓީމަކުން ވެސް މިހާރު ވަނީ އެއް މެޗު ކުޅެފަ އެވެ. އެގޮތުން ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާ އެކު އިންގްލެންޑް އޮތްއިރު އެމެރިކާ އާއި ވޭލްސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ އިރާން އެވެ.
ގަތަރުގެ އަލް ރައްޔާން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އެމެރިކާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ވެސް ނެގީ އެޓީމުންނެވެ. އެގޮތުން ކްރިސްޓިއަން ޕުލިސިޗް ދިން ޕާހަކުން މި ގޯލް މެޗުގެ 36 ވަނަ މިނެޓްގައި އެމެރިކާ އަށް ކާމިޔާބުކޮށްދިނީ ޓިމޮތީ ވިޔާ އެވެ. މިއީ ލައިބީރިއާގެ ރައީސް އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިޔާގެ ދަރިފުޅެވެ.
އެމެރިކާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގައި ވޭލްސް އިން ވަނީ ކުޅުން ރަނގަޅުކޮށް އެމެރިކާގެ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ. އެގޮތުން ބެން ޑޭވިސް ބޮލުން ފޮނުވާލި ހަމަލާއެއް އެމެރިކާގެ ކީޕަރު ޓާނާ ދިފާއުކުރިއިރު ވޭލްސްގެ މޯ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ވޭލްސް އަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 82 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ގެރެތް ބޭލް އެވެ. މި ޕެނަލްޓީ ވޭލްސް އަށް ލިބުނު އެމެރިކާގެ ކުޅުންތެރިއަކު ބޭލް އަށް އެޓީމުގެ ޕެނަލްޓީއޭރިއާގެ ތެރެއިން ކުރި ފައުލަކާ ގުޅިގެންނެވެ.
މި ގޯލަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ލީޑު ނަގަން މާ ރަނގަޅު ފުރުސަތެއް ދެ ޓީމުން ކުރެ ޓީމަކަށް ލިބިފައެއް ނުވެ އެވެ.
ގްރޫޕްގެ ދެވަނަ މެޗުގައި އެމެރިކާ ބައްދަލުކުރާނީ އިންގްލެންޑާ އެވެ. އަދި ވޭލްސް ނިކުންނާނީ އިރާންއާ ދެކޮޅަށެވެ.