Last Updated: July 17, 15:06
Friday, July 17, 2026
ކުޅިވަރު

ވޯލްޑް ކަޕަށް އައީ ޕިކްނިކް ހަދާކަށް ނޫން

ފީފާ ވޯލްޑް ކަޕަށް ސައުދީ އަރަބިއްޔާ އައީ ޕިކްނިކް ހަދަން ނޫން ކަމަށް އެޓީމުގެ ކޯޗު ހާވް ރެނާޑް ބުނެފި އެވެ.

ވޯލްޑް ކަޕްގައި ސައުދީ މިފަހަރު ލައްވާލާފައިވަނީ އާޖެންޓީނާ އާއި ޕޮލެންޑް އަދި މެކްސިކޯއާއެކު އެއް ގްރޫޕެއްގަ އެވެ.

ވޯލްޑް ކަޕްގައި މިއަދު އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ރެނާޑް ބުނީ އާޖެންޓީނާ އަކީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ހިމެނޭ ޓީމެއް ކަމަށާއި ނަމަވެސް ސައުދީން ގަތަރަށް އައީ ޕިކްނިކް ހެދުމުގެ ބަދަލުގައި ސައުދީ ރައްޔިތުން ފަހުރުވެރިވާނެ ފަދަ ނަތީޖާއެއް މުބާރާތުގައި ނެރުމަށް ކަމަށެވެ.

ކުޅިވަރުގައި އަބަދުވެސް "ސަޕްރައިޒްތައް" ހިމެނޭ ކަމަށާއި ގްރޫޕް ސްޓޭޖުގައި ކުޅޭ ކޮންމެ މެޗެއްގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކަންޖެހޭނެ ކަމަށް ރެނާޑް ބުންޏެވެ.

"ހަމައެކަނި އާޖެންޓިނާ މެޗަކަށް ނޫން، ގްރޫޕް ސްޓޭޖުގައި ކުޅޭ ހުރިހާ މެޗެއްގައި ވެސް ރަނގަޅަށް ކުޅެންޖެހޭނެ. ތިން މެޗުވެސް އެހާމެ މުހިއްމު." ރެނާޑް ބުންޏެވެ.

ރެނާޑް ބުނީ ސައުދީ އަކީ ކުޑަ ޓީމެއްގެ ގޮތުގައި ދެކުމަކީ މައްސަލައެއް ނޫން ކަމަށާއި ވޯލްޑް ކަޕްގައި އެޓީމުން މަސައްކަތް ކުރާނީ މީހުންގެ ލަފާކުރުންތަކާ ދެކޮޅަށް ކަމަށެވެ. އަދި ވޯލްޑް ކަޕަކީ ހީނުކުރާ ކަހަލަ ކަންކަން ވެސް ހިނގާ މުބާރާތެއް ކަމަށާއި ސައުދީ ކުޅުންތެރިން މެޗުތަކަށް ނިކުންނާނީ އެ ވިސްނުމުގައި ތިބެގެން ކަމަށްވެސް އޭނާ ބުންޏެވެ.

މިއީ ސައުދީން ވޯލްޑް ކަޕްގައި ވާދަކުރާ ހަވަނަ ފަހަރު ކަމަށްވާއިރު އެޓީމަށް މިހާތަނަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.